ކުޅިވަރު

ބޮޑު ބައްޔަކާއެކު ޓީސީއަށް ފުރުޞަތު ގެއްލިއްޖެ


ބެންގަލޫރުގައި ބެންގަލޫރު އެފްސީ އަތުން ބަލިވީ ފެށުން ގޯސްވުމުން ކަމަށާއި، ކުޅުންތެރިން މާ ބޮޑަށް ތެޅިގަތީކަމަށް ޓީސީގެ އެސިސްޓެންޓް ކޯޗު މުޙައްމަދު ނިޒާމް ބުނެފިއެވެ. 

އޭއެފްސީކަޕް ޕްލޭއޯފްގެ ދެވަނަ ލެގުގައި ރޭ 5-0 ން ބެންގަލޫރުގައި ބެންގަލޫރު އެފްސީ އަތުން ބަލިވި މެޗަށްފަހު ނިޒާމް ބުނީ މި ލެވެލްއަށް ޓީމުގައި ތަޖުރިބާ ހުރި ކުޅުންތެރިން މަދުވުމުގެ ފައިދާ ބެންގަލޫރުން ނެގިކަމަށާއި، މިއީ މުޅި ޓީމަށް ލިބުނު ބޮޑު ފިލާވަޅެއްކަމަށެވެ. އޭނާ ބުނީ ދެ ލެގުގައިވެސް އަނިޔާގައި ހުރި ކީޕަރު އަސްނިން ނެތްތަން ދެއްކިކަމަށާއި، މިފަދަ ބޮޑު މެޗެއްގައި ތަޖުރިބާހުރި ކީޕަރެއްގެ މުޙިންމުކަން ފެނުނުކަމަށެވެ.

މެޗުން މޮޅުވި ބެންގަލޫރު އެފްސީގެ ކޯޗު ބުނީ ފަސް ގޯލުން އެޓީމް މޮޅުވިޔަސް މިއީ ފަސޭހަ މެޗެއް ނޫންކަމަށެވެ. މި ނަތީޖާއިން އެޓީމާއި ދެކޮޅަށް ކުޅުނު ޓީސީގެ ފެންވަރު ނުފެންނަކަމަށާއި، ފުރަތަމަ ލެގުގައިވެސް ޓީސީން ދެއްކި ހިތްވަރު އަދިވެސް އޭނާ ފާހަގަކުރާކަމަށް ކޯޗު ބުންޏެވެ. ރޮކާ ބުނީ ޓީސީގެ ބަލިފައިތަކަށް ވަރަށް ބޮޑަށް ތައްޔާރުވިކަމަށާއި، ހުރިހާކަމެއް ދިޔައީ ޕްލޭނާއި އެއްގޮތަށްކަމަށެވެ.

ދެ ލެގުގެ އެގްރިގޭޓަށް ބަލާއިރު ޓީސީ މުބާރާތުން ކެޓީ 8-2 ގެ އެގްރިގޭޓުންނެވެ. ރޭގެ މެޗުގައި ބެންގަލޫރު އެފްސީން ފުރަތަމަ ހާފުގައި ތިން ގޯލް ކާމިޔާބުކުރިއެވެ. މި ތިން ގޯލުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ އެންޓޯނިއޯ ޑޯވާލޭއެވެ. އަނެއް ގޯލު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި އެރިކް ޕާޓާލޫއެވެ. ފުރަތަމަ ހާފުގައި ގޯލް ޖަހާނެ އެންމެ ހުސް ފުރުސަތު ލިބުނީ ޓީސީގެ އިޝާން އިބްރާހީމަށެވެ. ޕެނަލްޓީ އޭރިޔާ ތެރޭގައި މުޅިން ހުސްކޮށްހުރެ އޭނާ ފޮނުވާލި ބޯޅަ ކީޕަރުވަނީ ދިފާއުކޮށްފައެވެ. މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ބެންގަލޫރު އެފްސީގެ ހަތަރުވަނަ ގޯލް ޖަހައި ހެޓްރިކް ފުރިހަމަކުރީ އެންޓޯނިއޯއެވެ. އެޓީމްގެ ފަހު ލަނޑު މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ޖަހައިދިނީ ރާހުލް ބެކޭއެވެ.

މިނަތީޖާއާއެކު ބެންގަލޫރު އެފްސީއަށްވަނީ އޭއެފްސީކަޕްގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބިފައެވެ. ގްރޫޕް ސްޓޭޖްގައި ރާއްޖޭގެ ނިއުރޭޑިއަންޓާ ބެންގަލޫރު ވާދަކުރަން ޖެހޭނެއެވެ.