ޚަބަރު

ޤާނޫނު އަސާސީގެ ބޭރަށް ރައީސް ވަޑައެއް ނުގަންނަވާނެ: އަލީ އާރިފް


ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަކީ ޤާނޫނު އަސާސީގެ ބޭރަށް ވަޑަގަންނަވާނެ ބޭފުޅެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ އާރިފް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އަންނަނީ ޤާނޫނު އަސާސީ އޮޅުވާލުމަށް މަސައްކަތްކުރަމުންކަމަށާއި އަދި ބައެއް ވަކީލުންވެސް ރައްޔިތުން އޮޅޭފަދަ ގޮތަކަށް ޤާނޫނު އަސާސީ މާނަކުރަމުން އަންނަ ކަމަށެވެ.

ޤާނޫނު އަސާސީގެ ގިނަ މާއްދާތަކެއް ރައްޔިތުންނަށް ހާމަކޮށްދެއްވާ ވާހަކަ ދައްކަވަމުން އަލީ އާރިފް ވިދާޅުވީ، ދަޢުލަތުގެ އެންމެ މަތީވެރިޔާއާއި، ސިފައިންގެ އެންމެ މަތީވެރިޔާ އަދި ސަރުކާރުގެ އެންމެ މަތީވެރިޔަކީ ރައީސުލްޖުމްޙޫރިއްޔާ ކަމަށް ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގެ 106 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. ސަރުކާރުން ޤާނޫނު އަސާސީއާއި ހިލާފަށް ކަންކުރަމުންދާއިރު ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މައްޗަށް ކަނޑައަޅާފައިވާ ޒިންމާއެއް އަދާކުރުމަށް އިދިކޮޅު މެމްބަރުން މަޖިލީހަށް ހާޒިރުވާންވެސް ނުކުރެނުކަމަށެވެ.

"މިއަދު ރައްޔިތުން މަޖިލީހުގެ ވޯޓެއް ނެގިއްޖެ. އެވޯޓުން އަޅުގަނޑުމެން ކާމިޔާބުކުރީ ވަރަށް މަތީ އަޤުލަބިއްޔަތަކުން. މިހެން ދަންނަވަން މިޖެހުނީ އެއްބައި މީހުން ބަލިވާނެތީ އަންނާކަށްވެސް ނުކެރުން. މޮޅުވާނެ ނަމަ ވަނީސްތާ. އޭގެން އެނގުނީ އެމީހުންނަށް ލިބުނީ ސުމެއް. އަޅުގަނޑުމެންނަށް ސަތޭކަ،" އަލީ އާރިފް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވީ، ގާނޫނު އަސާސީގެ 88 ވަނަ މާއްދާއިން، މަގުބޫލު އުޒުރެއް ނެތް ނަމަ މަޖިލީހުގައި ނަގާ ކޮންމެ ވޯޓެއްގައި ބައިވެރިވުމަކީ ކޮންމެ މެމްބަރެއްގެ މައްޗަށް ލާޒިމް ވާނެ ކަމެއް ކަމަށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ޤަރާރު ފާސްކުރުމަށް ބޭއްވި ޖަލްސާއަށް އިދިކޮޅުގެ ބައެއް މެމްބަރުން ވަޑައިނުގަތީ 43 މެމްބަރުން ހަމަ ނުކުރުމުގެ ނިޔަތުގައި ކަމަށާއި އެހެން ކަމުން އެ ގާނޫނުގެ ދަށުން އެ މެންބަރުން ގާނޫނު އަސާސީއާ ޚިލާފުވެއްޖެ ކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.

"މަޖިލީހުގެ ކޮންމެ ޖަލްސާއެއް ހިނގަމުންދާއިރު، ކޮންމެ މެމްބަރަކުވެސް އެކަށީގެންވާ އުޒުރެއް ދިމާނުވެއްޖެނަމަ މަޖިލީހަށް ހާޒިރުވާންޖެހޭ ކަމަށް މަޖިލީހުގެ ގަވައިދުގަ އަޅުގަނޑުމެންނަށް އެބަ ލާޒިމްކުރޭ. މި ޤާނޫނު އަސާސީގެ 88 ވަނަ މާއްދާއިންވެސް މަޖިލީހުގެ މެމްބަރުންނަށް އެބަ ލާޒިމުކުރޭ އެގޮތަށް. ދެން ކީއްވެތޯ މަޖިލީހަށް ނައީ. ނައިސް ތިބެގެން ދައްކާނެ ވާހަކައެއް ހޯދޭނެ ރައްޔިތުންގެ ޙައްޤެއް ނޯންނާނެ،" މޫސާ މަނިކު ވިދާޅުވިއެވެ.

މި ޖަލްސާގައި މޫސާ މަނިކު ވަނީ ކުއްލި ނުރައްކަލުގެ ހާލަތާ ބެހޭ ގަރާރު ފާސްކުރުމަށް ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓު ދެއްވުމަށް ވަޑައިނުގަންނަވާ މެމްބަރުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.