ޚަބަރު

ފަސް ފިހާރައަކުން ވެމްކޯގެ ބިލަށް ފައިސާ ބަލައިގަންނަނީ


މާލޭގެ ފަސް ފިހާރައަކުން ވެމްކޯގެ ބިލަށް ފައިސާ ދެއްކުމުގެ އިންތިޒާމް އެކުންފުނިން ހަމަޖައްސައިފިއެވެ.

ވެމްކޯއިން ބުނީ މި ޚިދުމަތް ތައާރުފްކޮށްފައިވަނީ ކަސްޓަމަރުންނަށް ކިއުގައި މަޑުކުރަންނުޖެހި ފަސޭހަކަމާއިއެކު އަވަހަށް ފައިސާ ދެއްކޭނެ މަގު ފަހިކޮށްދިނުމަށްކަމަށެވެ. ބިލަށް ފައިސާ ދެއްކުމުގެ ޚިދުމަތް ލިބޭނީ އެލް މޮބައިލް އެކެއް، ޔޫ ފޯން، ސްމަރޓް މޮބައިލް، މޮބައިލް ލޯޑް އަދި މެޖެސްޓިލް މޮބައިލް ފިހާރައިންނެވެ. މި ފިހާރަތައް ހުންނަ ލޮކޭޝަންތައް ވެމްކޯގެ ފޭސްބުކް ޕޭޖާއި، ޓްވިޓަރ އެކައުންޓުން ފެންނާނެކަމަށް ވެމްކޯއިން ބުނެއެވެ. ބިލަށް ފައިސާ ބަލައިގަންނަ ފިހާރަތަކުގެ ބޭރުގައި ވެމޮކޯގެ ބިލަށް ފައިސާ ބަލައިގަންނަކަން އެނގޭނެ ސްޓިކަރ ހަރުކޮށްފައި ހުންނާނެކަމަށްވެސް ވެމްކޯއިން ބުނެއެވެ.  މީގެ އިތުރުން އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމްވެސް ވެމްކޯއިންވަނީ މިދިޔަ ޑިސެމްބަރު މަހުގެތެރޭގައިވަނީ ހަމަޖައްސާފައެވެ.

ވެމްކޯގެ ބިލްތަކަށް މިހާތަނަށް ފައިސާ ބަލައި ގަންނަމުން އައީ އެ ކުންފުނީގެ ޚިދުމަތްދޭ ސިޓީތަކުގައި ޤާއިމުކޮށްފައިވާ ފްރަންޓް އޮފީސްތަކުންނެވެ. 

ކުނި އުކާލުމުގެ ހިދުމަތް ވެމްކޯއިން ދެމުން އަންނަނީ މާލޭ ސިޓިއާއި ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫ ސިޓީގައެވެ.