ދުނިޔެ

އެމެރިކާގެ ތުހުމަތުތައް ރަޝިޔާގެ ސަރުކާރަށް އަމާޒުކޮށްފައެއް ނުވޭ




2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ނުފޫޒުފޯރުވިކަމަށް ބުނެ، އެމެރިކާއިން ރަޝިޔާގެ 13  ފަރާތަކާ ދެކޮޅަށް ކޮށްފައިވާ ދަޢުވާތަކުގައި، ރަޝިޔާގެ ސަރުކާރާ ދެކޮޅަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތްކަމަށް އެ ޤައުމުގެ ރިޔާސީ އިދާރާ، ކްރެމްލިނުން ބުނެފިއެވެ.

ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯފް ވިދާޅުވީ، އެމެރިކާއިން ރަޝިޔާގެ ފަރުދުންނާ ކުންފުނިތަކާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަކުގައި ރަޝިޔާގެ ސަރުކާރާ ސަރުކާރުގެ އެއްވެސް އިދާރާއަކުން މިކަމުގައި ބައިވެރިވެފައިވާކަމުގެ ހެކި ދައްކާފައި ނުވާކަމަށެވެ.

އޭނާ ވިދާޅުވީ، މި ތުހުމަތުތަކުގައި އެމެރިކާއިން ބަޔާންކޮށްފައިވަނީ ވަކި ވަކި ފަރުދުންގެ ނަންތައް ކަމަށާއި، އެހެންނަމަވެސް މީގެ ކުރިން އެމެރިކާގެ ސަރުކާރުން ވަނީ މި ކަމުގެ ތުހުމަތު ރަޝިޔާގެ ސަރުކާރާއި ދަޢުލަތުގެ މުއްސަސާތަކުގެ ބޮލުގައި އަޅުވާފައިކަމަށެވެ.

ރަޝިޔާގެ ދައުލަތުން އަދި ދައުލަތުގެ އިދާރާއިން މިކަމުގައި ބައިވެރިވެފައިވާކަން ސާބިތު ނުވާނެ ކަމަށާއި ރަޝިޔާއަކީ އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވާ ޤައުމެއް ނޫންކަމަށްވެސް ކްރެމްލިންގެ ތަރުޖަމާނު ވިދާޅުވިއެވެ.

2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކަންކަން ތަޙުޤީޤުކުރަމުންދާ ޚާއްޞަ ކައުންސިލުން ދަޢުވާ އުފުލި 13  މީހުންގެ ތެރޭގައި ރަޝިޔާގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ އެވެންޖީ ޕްރިގޯޒިން ވެސް ހިމެނެއެވެ.

 އޭނާ އަކީ ރަޝިޔާގެ ރައީސް ވްލަޑްމީރް ޕުޓިންއާ ގާތްގުޅުމެއް ބާއްވަމުންދާ ފަރާތެއްކަމަށް ރަޝިޔާގެ މީޑިއާއިން ބުނެއެވެ.