ޚަބަރު

ކުއްލި ޙާލަތުގައިވެސް ސެލެބްރިޓީން ރާއްޖޭގައި!


ދިވެހިންގެ ތެރޭގައި މަޝްހޫރު އިނގިރޭސި ސީރީޒް "ގޭމް އޮފް ތްރޯންސް" ގެ އެކްޓަރެއް ޗުއްޓީގައި ރާއްޖެ އަތުވެއްޖެއެވެ.

ޗުއްޓީއަށް ރާއްޖެ އައިސްފައިވަނީ، ގޭމް އޮފް ތްރޯންސްގައި ސަންސާ ސްޓާކްގެ ބައި ކުޅޭ، އިނގިރޭސި އެކްޓަރެސް ސޯފީ ޓަރނާއެވެ. އޭނާ ޗުއްޓީ ހޭދަކުރަމުންދަނީ ކޮކޯ ޕްރައިވެޓް އައިލެންޑުގައެވެ.

ޗުއްޓީ ހޭދަކުރަމުންދާއިރު، ސޯފީ ދަނީ އިންސްޓަގްރާމާއި ޓްވިޓާގައި ރާއްޖޭގެ ފޮޓޯތައް ޕޯސްޓްކޮށް، ރާއްޖެއަށް ތަޢުރީފްކުރަމުންނެވެ. 7 މިލިއަނަށްވުރެ ގިނަ މީހުން ސޯފީގެ އިންސްޓަގްރާމް ފޮލޯކުރާއިރު، މިލިއަނަކަށްވުރެ ގިނަ މީހުން ޓްވިޓަރގައި އޭނާ ފޮލޯކުރެއެވެ.

img:http://s1.psmnews.mv/images/660x400/15191152995248.jpg|ގޭމް އޮފް ތްރޯންސްގެ އެކްޓަރ، ސޯފީ ޓަރނާ ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން

އިނގިރޭސި މަޝްހޫރު އެކްޓަރެސް ސޯފީ ޓާނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ، ރާއްޖޭގައި ކުއްލި ޙާލަތު އިޢުލާންކޮށްފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އެކަމުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންނަށް އެއްވެސް ނުރައްކަލެއް ނުވަތަ ޗުއްޓީއަށް އެއްވެސް ބުރުލެއް ނާރާނެކަން ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން ދުނިޔޭގެ މަޝްހޫރު ޓުއަރ އޮޕަރޭޓަރުންވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އެއްވެސް ހުރަހެއް ނެތްކަމަށް ބުނެފައެވެ.

އިނގިރޭސި މަޝްހޫރު އެކްޓަރެސްއެއް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު، އިންޑިއާގެ މަޝްހޫރު އެކްޓަރެސް އެއްކަމަށްވާ ޕަރްނީތީ ޗޯޕްރާވެސް ވަނީ ކުއްލި ޙާލަތު އިޢުލާންކޮށްފައި ވަނިކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.