ޚަބަރު

ރިޔާސީ އިންތިޚާބަށް ތައްޔާރުވާން ފަށައިފި


ރިޔާސީ އިންތިޚާބު ބޭއްވުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ދައުލަތުގެ އެކި މުއައްސަސާތަކާ މަޝްވަރާކޮށް، މަޢުލޫމާތު ޚިއްސާކުރަމުންދާކަމަށެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއެކުވެސް އިލެކްޝަންސް ކޮމިޝަނުން ދަނީ ރިޔާސީ އިންތިޚާބާ ގުޅޭ މަޝްވަރާތައް ކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތުގައި ރިޔާސީ އިންތިޚާބު ބޭއްވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށާއި އެކަމަށް އެއްވެސް ހުރަހެއް ކުރިމަތިނުވާކަމަށެވެ.

ޤާނޫނުއަސާސީގައި ބުނާގޮތުން ރިޔާސީ ދައުރު ހަމަވުމުގެ ސަތޭކަ ވިހި ދުވަހާއި ތިރީސް ދުވަހާ ދެމެދުގައި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރުމަށް ރިޔާސީ އިންތިޚާބު ބާއްވަންޖެހެއެވެ.

ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ފަށާފައިވާއިރު، މިހާތަނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިޢުލާންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެކަންޏެވެ.