ޚަބަރު

އިމިގްރޭޝަނާ ގުޅޭގޮތުން ފަތުރަނީ ދޮގު ޚަބަރުތަކެއް- އިމިގްރޭޝަން


ފުރަން ގޮސް ހުރި ފަރާތެއް ފުރިޔަނުދީ ހުއްޓުވުމަށް އިމިގްރޭޝަނުން މަސައްކަތްކުރިކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރުތަކެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ، ޤާނޫނުން ލިބިދީފައިވާ ބާރުގެ ދަށުން އެއްވެސް ފަރާތެއް ރާއްޖެއިން ފުރުން ހުއްޓުވަން ޖެހިއްޖެ ހާލަތެއްގައި ފްލައިޓަށް ބޯޑުކޮށްފައިވިނަމަވެސް، އޮފްލޯޑްކޮށް، ރާއްޖެއިން ފުރުން ހުއްޓުވުމުގެ ބާރު ލިބިފައިވާކަމަށެވެ.

ނަމަވެސް މީހަކު ފުރިޔަނުދީ ހިފެހެއްޓިކަމަށް ބުނެ ބައެއް މީޑިއާތަކުގައި ޙަބަރު ލިޔެފައިވަނީ އިމިގްރޭޝަނުގެ ބަހެއް ނުހޯދައިކަމަށާއި އެހެންކަމުން އިމިގްރޭޝަނުގެ ބަހެއް ނެތި އެޚަބަރު ފެތުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މަސައްކަތްކުރަމުންދާކަމަށް މި ބަޔާނުގައިވެއެވެ.

އިމިގްރޭޝަނުގެ ބަޔާނުގައި ބައެއް ފަރާތްތަކުން އިމިގްރޭޝަން އޮފިސަރުންގެ ޤާނޫނީ ވާޖިބަށް ހުރަސް އަޅާ ބިރުދައްކަން މަސައްކަތްކުރާކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެފަދަ ބިރުދެއްކުންތަކަށް ނުބަލާ، ޤާނޫނީ ވާޖިބު އަދާކުރުމުގައި އިމިގްރޭޝަންގެ އޮފިސަރުން ސާބިތުކަންމަތީ ދެމިތިބޭނެކަމަށްވެސް އިމިގްރޭޝަނުގެ ބަޔާނުގައިވެއެވެ.