ޚަބަރު

މެނޭޖަރާ ޙަވާލާދީ ފަތުރަނީ ދޮގު ޚަބަރުތަކެއް- އެމްޕީއެލް


އެމްޕީއެލްގެ އެސިސްޓަންޓް ޖެނަރަލް މެނޭޖަރެއްގެ މަޤާމު އަދާކުރި މީހަކާ ޙަވާލާދީ މީޑިއާގައި ފަތުރަމުންދާ ޚަބަރުތައް އެމްޕީއެލުން ދޮގުކޮށްފިއެވެ.

އެމްޕީއެލުން ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނީގެ އެސިސްޓަންޓް ޖެނަރަލް މެނޭޖަރެއްގެ މަޤާމުން އިސްތިއުފާ ދިންކަމަށް ބުނާ މީހާއަކީ، މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް ފުރިހަމައަށް އަދާ ނުކުރެވުގެ ސަބަބުން ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާ މީހެއްކަމަށެވެ. މިގޮތުން އޭނާ އެމްޕީއެލްގައި އޭނާ އުޅުނު 3 އަހަރުގެ ތެރޭގައި، ފަރުވާކުޑަވެގެންނާއި، މަސްޢޫލިއްޔަތުތައް އަދާނުކޮށްގެން، އެކި އެކި ޑިޕާޓްމަންޓްތަކަށް ބަދަލުކޮށް، ކަންކަން ރަނގަޅުކުރުމަށް އެތައް ފުރުޞަތެއް ދީފައިވާކަމަށް އެމްޕީއެލުން ބުނެއެވެ.

އަދި އޭނާ މަޤާމުން އިސްތިއުފާ ދިންކަމަށް ބުނެ މީޑިއާގައި ޚަބަރުތައް ފަތުރަމުންދަނީ، ވަޒީފާއިން ވަކިކުރާނެކަމަށް އޭނާއަށް ހީވުމުން، އެކަމުގެ ސިޔާސީ ފައިދާ ނެގުމުގެ މަޤްޞަދުގައިކަމަށް އެމްޕީއެލްގެ ބަޔާނުގައިވެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއާއި އެމްޕީއެލް ބަދުނާމުވާ ގޮތަށް އޭނާ ހާމަކުރަމުންދާ ވާހަކަތަކަކީ ހަޤީޤަތާއި ޚިލާފު އަދި ދޮގު މަޢުލޫމާތުތަކެއްކަމަށްވެސް އެކުންފުނީގެ ބަޔާނުގައިވެއެވެ.

އެމްޕީއެލުން ބުނީ އެކުންފުންޏަކީ ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ވަޒީފާގެ ފުރުސަތުތައް ޤާއިމްކޮށް، ޤާބިލް ރަނގަޅު މުވައްޒަފުންތަކެއް ބިނާކުރަމުންދާ ކުންފުންޏެއްކަމަށެވެ.