ޚަބަރު

ރާއްޖޭގައި ހިނގަމުންދާ ކަންކަމުގެ މަޢުލޫމާތު އދ އާ ހިއްސާކޮށްފި


މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އދ ގެ ވަފުދުން، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކާގުޅޭގޮތުން، ދިވެހި ސަރުކާރުން އދ އާއެކު މަޝްވަރާކުރައްވާފައިވާތީއާއި ސަރުކާރުން ދިވެހި ރައްޔިތުންނާ މެދު ބަހައްޓަވާ އަޅާލުމާއި ޖަލުގައި ތިބި މީހުންގެ ޙައްޤުތައް ރައްކާތެރިކުރައްވަމުން ގެންދަވާތީ ދިވެހި ސަރުކާރަށް ތައުރީފުކުރައްވާ މަރުޚަބާ ވިދާޅުވެއްޖެއެވެ.

އދ ގެ ވަފުދުން ދިވެހި ސަރުކާރަށް މަރުޙަބާ ވިދާޅުވީ، ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ބެހޭގޮތުން އެ ވަފްދުގެ ބޭފުޅުންނަށް މަޢުލޫމާތު ދިނުމަށް ދިވެހިރާއްޖޭގެ މިނިސްޓީރިއަލް ކޮމިޓީން ބޭއްވި ބައްދަލުވުމުގައެވެ.

ދިވެހިރާއްޖޭގެ މިނިސްޓީރިއަލް ކޮމިޓީގެ ބޭފުޅުން، ޗީފް އޮފް ދަ ރޫލް އޮފް ލޯ، އީކުއަލިޓީ އެންޑް ނޮން ޑިސްކްރިމިނޭޝަން ބްރާންޗް އޮފް ދަ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮފް ދަ ހައި ކޮމިޝަން ފޮރ ހިއުމަން ރައިޓްސް، މޯނާ ރިޝްމާވީ އާއި، ރެޒިޑެންޓް ކޯޑިނޭޓަރ ފޮރ ދަ ޔުނައިޓެޑް ނޭޝަންސް އިން މޯލްޑިވްސް، ޝޯކޯ ނޯޑާއާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޙާލަތާއިބެހޭ އެންމެ ފަހުގެ މަޢުލޫމާތު، ކުރިއެކޭވެސް އެއްފަދައިން ދެފުށްފެންނަގޮތަށް، ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދެމުން ގެންދަވާނެކަމުގެ ޔަޤީންކަން މިނިސްޓީރިއަލް ކޮމިޓީއިން ވަނީ ދެއްވާފައެވެ. މިގޮތުން، އދގެ ވަފްދުގެ ބޭފުޅުން ބޭނުންފުޅުވާ ނުވަތަ ސާފުކުރައްވަން ބޭނުންފުޅުވާ އެއްވެސް މަޢުލޫމާތެއް ވާނަމަ އެ މަޢުލޫމާތެއް މިނިސްޓީރިއަލް ކޮމިޓީއިން އެބޭފުޅުންނަށް ފޯރުކޮށްދެއްވާނެކަމަށާއި، ރާއްޖޭގެ ޙާލަތު މިވަގުތު ނާޒުކު ފައްތަރެއްގައި ވީނަމަވެސް، ޔޫ.އެން ވަފްދުގެ ބޭފުޅުން ބޭނުންފުޅުވެއްޖެ ހިނދެއްގައި، ސަރުކާރުގެ ކޮންމެ މުޢައްސަސާއަކުންވިއަސް، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެއްވުމާއި ގުޅިގެން އޭގެ އަސަރު ނުކުރާ ކޮންމެ ފަރާތަކާ ބައްދަލުކުރައްވައި މަޢުލޫމާތު ހޯއްދެވުމުގެ ފުރިހަމަ އިޚްތިޔާރު ޔޫ.އެންގެ ވަފްދަށް އޮތްކަމުގައިވެސް މިނިސްޓީރިއަލް ކޮމިޓީއިން ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ޔޫ.އެންގެ ފަރާތުން ރާއްޖެއަށް ޒިޔާރަތްކުރައްވަމުންގެންދަވާ ވަފްދުގެ ބޭފުޅުންނާއެކު ރާއްޖޭގެ މިނިސްޓީރިއަލް ކޮމިޓީއިން ވަނީ މިމަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ރާއްޖޭގެ މަސްރަޙަށް އައި ބަދަލުތަކާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މިގޮތުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވުނު ސަބަބުތަކާއި ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވުނީ ޤައުމީ ސަލާމަތީ ކައުންސިލުގެ ލަފާފުޅުގެމަތިން ޑިމޮކްރަސީއާ ރާއްޖޭގެ ޤާނޫނު އަސާސީގެ ޙިމާޔަތުގާ ރައީސުލްޖުމްހޫރިއްޔާ ނަންގަވަންޖެހިވަޑައިގަންނަވާ އެންމެ ފަހު ފިޔަވަޅުގެގޮތުގައިކަން މިނިސްޓީރިއަލް ކޮމިޓީއިން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިބައްދަލުކުރެއްވުމުގައި މިނިސްޓީރިއަލް ކޮމިޓީއިން ވަނީ ޤާނޫނު ނަގަހައްޓާނެކަމުގެ ޔަގީންކަން ޔޫ.އެން ވަފްދުގެ ބޭފުޅުންނަށް އަރުވާފައެވެ. އެހެންނަމަވެސް މިހާރު ކުރެވެމުންދާ ކޮރަޕްޝަން ފަދަ މައްސަލަތަކުގެ ތަހުޤީގުތަކަށް ހުރަސްއެޅުނަ ނުދިނުމުގެ ގޮތުން ޤާނޫނީ ގޮތުން ބައެއްކަންކަން ހިފެހެއްޓިފައިވާ ކަމުގައި މިނިސްޓީރިއަލް ކޮމިޓީއިން ވަނީ ވިދާޅުވެފައެވެ. އަދި ޝަރުއީ ދާއިރާގެ ކަންކަން ކުރިއަށް ގެންދިއުމުގައި ހަމަހަމަކަން ދެމެހެއްޓުމާއެކު ތަހުޤީގު ހިނގަމުންދާއިރު ޤާނޫނާ އެއްގޮތަށް ހުރިހާ ހައްޤެއް ލިބިދެވޭނެ ކަމުގެ ޔަޤީންކަން ވެސް ވަނީ މިނިސްޓީރިއަލް ކޮމިޓީއިން ޔޫ.އެން ވަފްދުގެ ބޭފުޅުންނަށް އަރުވާފައެވެ.

މިނިސްޓީރިއަލް ކޮމިޓީއިން ދެއްކެވި ވާހަކަފުޅުގައި، ބޭރުގެ ބައެއް ފަރާތްތަކުން ނެރެމުންދާ ދޮގު ބަޔާން ތަކުގެ ސަބަބުން ކަންބޮޑުވުން ފާޅުކުރައްވާކަމަށާއި، އިދިކޮޅު ސިޔާސީ ލީޑަރުން ދޮގު މަޢުލޫމާތު ހިއްސާކޮށް ހަޤީގަތާ ޚިލާފަށް ވާހަކަތައް ފެތުރުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށާއި، ވިޔަފާރިވެރިންނަށް ހުއްޓުމެއްނެތި ތަފާތު އެކި އުނދަގޫތައް ކުރިމަތިވަމުން ދާ ކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިނިސްޓީރިއަލް ކޮމިޓީއިން ވަނީ ޔޫ.އެން އިން ވަރަށް ގާތުން ސަރުކާރާއެކު ވަރަށް ޒިންމާދާރު ކަމާއެކީ މިކަން ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް އުންމީދުކުރައްވާކަމުގައި ވެސް ވިދާޅުވެފައެވެ.

ޔޫ.އެންގެ ވަފްދުގެ ބޭފުޅުން ވަނީ ދިވެހި ސަރުކާރުން އދ އާއެކު މިކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމުންނާއި ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންނާ މެދު ބަހައްޓަވާ އަޅާލުމާއި ޖަލުގައި ތިބި މީހުންގެ ޙައްޤުތައް ރައްކާތެރިކުރަމުން ގެންދާތީ ދިވެހި ސަރުކާރަށް ތައުރީފުކުރައްވާ މަރުޚަބާ ވިދާޅުވެފައެވެ.

ރާއްޖޭގެ މިނިސްޓީރިއަލް ކޮމިޓީގެ އިސްވެރިޔަކަށް ހުންނެވީ އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ އާއިޝަތު ޝިހާމްއެވެ. މިކޮމިޓީގައި ހިމެނިވަޑައިގެންނެވި އިތުރު ބޭފުޅުންގެ ތެރޭގައި މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތޯރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޡިމް އިބްރާހީމާއި، މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މި ކޮމިޓީއަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރުވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.