ޚަބަރު

"ހައުސިންގ ޔުނިޓް ލިބޭ ފަރާތްތައް ވަރަށް އަވަހަށް ކަނޑައަޅާނަން"


ސަރުކާރުން މިހާރު ކުރިއަށްގެންދަވާ އެކިއެކި ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން  ދިހަހާސް ހައުސިންގ ޔުނިޓް ލިބޭ ފަރާތްތައް ކަނޑައަޅާ ވަރަށް އަވަހަށް އިޢުލާން ކުރައްވާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މައްޗަންގޯޅިއާއި ހެންވޭރުގައި ދިރިއުޅޭ ޕީ.ޕީ.އެމްގެ ސަޕޯޓަރުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެކަން ކަށަވަރު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެވަޑައިގެންނެވި ވަޢުދު އެމަނިކުފާނު ފުއްދެއްވުމަށް ފުރިހަމަ އަދި މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށެވެ. އެގޮތުން މިހާރުވެސް ހުޅުމާލޭގައި 7000 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ކުރިއަށްދާއިރު، ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ފައްޓަވައިދެއްވި ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އަމަލީ މަސައްކަތްވެސް ކުންފުނިތަކުން މިހާރު ކުރަމުންދާކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި މެދުފަންތީގެ 1500 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިތުރު ސޯޝަލް ހައުސިންގ ޔުނިޓްތަކާއެކު އަންނަ ސެޕްޓޭމްބަރު މަހުގެ ނިޔަލަށް އަމަލީ މަސައްކަތް ފަށާ ދިހަ ހާހައްވުރެ ގިނަ ހައުސިންގ ޔުނިޓްތަށް ދޭނެ ފަރާތްތައް ކަނޑައަޅުމުގެ މަސައްކަތް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެމުގެ ދަށުން ގެދޮރަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ސެކްޓަރ ތަކަށް އިސްކަން ދެއްވައިގެން ވަރަށް އަވަހަށް ފަށާނެކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ. 

  

މާލެގެ ރަށްވެހިންގެ ތެރެއިން  15،000 މީހުން މިހާރުވެސް ގެދޮރުވެރިކަމަށް ބޭނުންވެފައިވާކަމަށާއި، މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންނާއި، ޒުވާނުންނަށް ވެސް އިންތިހާއަށް ގެދޮރުގެ ބޭނުން ޖެހިފައިވާކަން މިނިސްޓަރ މުއިއްޒު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިވަގުތު މާލޭގައި ދިރިއުޅޭ ސިވިލް ސާރވަންޓުންގެ ތެރެއިން ފްލެޓަށް އެދި ފޯމް ހުށައެޅި މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަށް މިފަހަރު ފްލެޓް ޔަގީންވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގެދޮރުގެ ދަތިކަން ހުރި އެންމެހާ ފަރާތްތަކުގެވެސް އެންމެ ބޮޑު އުންމީދަކަށްވާނީ ދިރިއުޅުމެއް ފަށައިގެން އަމިއްލަ ހައުސިން ޔުނިޓެއް ނުވަތަ އެފަދަ ގެދޮރެއްގައި ދިރިއުޅުން ހޭދަކުރުމަށް ވާއިރު،  އެކަން ރައީސް ޔާމީން ހަޤީޤަތަކަށް ހައްދަވައިދެއްވާނެކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.