ކުޅިވަރު

ދިވެހި ފުޓްބޯޅައިގެ ސިންގާއަށް ބެންގަލޫރު ޝިކާރަކޮށްލެވޭނެބާ؟


އޭއެފްސީ ކަޕްގެ ޕްލޭއޮފްގެ ދެވަނަ ލެގުގައި މާދަމާ އިންޑިޔާގެ ގަދަ ބާރު ބެންގަލޫރު އެފްސީއާއި ދެކޮޅަށް ޓީސީ ސްޕޯޓްސް ކުލަބު ނިކުންނައިރު މިއީ އެކުލަބުގެ ތާރީޚުގައިވެސް އެންމެ މުހިންމު މެޗެވެ. ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕުގައި ވާދަކުރުމުގެ ފުރުސަތު ހޯދާ ގްރޫޕް ސްޓޭޖުން އެޓީމަށް ޖާގަ ލިބެން އޮތީ ބެންގަލޫރު އެފްސީ ދެ ގޯލުގެ ތަފާތުން ބަލިކޮށްގެންނެވެ. ރާއްޖޭގެ ފުޓްބޯޅައިގެ އުހުގައި ފައިތިލަ ސާބިތުކުރަމުންގޮސް ސަރަޙައްދީ ޓީމްތައް ސިއްސުވާލަން ޓީސީއަށް މިއަށްވުރެ ވަކި ފަހި ފުރުސަތެއް ނުލިބޭނެއެވެ.

ޕްރިލިމިނަރީ ބުރުގައި ބަނގްލަދޭޝްގެ ސައިފު ދެ ލެގުގައި ބަލިކޮށް، ޓީސީން އޭއެފްސީ ކަޕްގެ ފުރަތަމަ ތަޖުރިބާގެ ފެށުން ރަނގަޅުކުރިއެވެ. ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި މާލޭގައި ބެންގަލޫރު އެފްސީ އަތުން ބަލިވިޔަސް އެޓީމުން ދައްކާފައިވަނީ އުއްމީދީ ކުޅުމެކެވެ. ގިނަ ފުރުސަތުތަކެއް ހޯދާ ބެންގަލޫރު އެފްސީގެ ގޯލަށް ނުރައްކާތެރި ހަމަލާތައްވެސް ފޮނުވާލިއެވެ. މެޗަށްފަހު ބެންގަލޫރު އެފްސީގެ ކޯޗު ސްޕެއިންގެ އަލްބާޓް ރޮކާވެސް ޓީސީގެ ކުޅުމަށް ތައުރީފުކުރިއެވެ. ރޮކާ ބުނީ އެ މެޗުން ބެންގަލޫރު މޮޅުވީ ނަސީބު ރަނގަޅުކަމުންކަމަށެވެ. އެހެންކަމުން ދެވަނަ ލެގުގެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާނެކަމަށެވެ. މެޗަށްފަހު ޓީސީންގެ ކޯޗު މާޔޫސްވީ ނަތީޖާއާއިމެދު އެކަންޏެވެ. ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުމުންނެވެ. އޯޕަން އެތައް ފުރުސަތު ލިބުނުއިރު، އިތުރު ގޯލްތަކެއް ނުޖެހުމުންނެވެ.

މިހާރު އެންމެން ކުރާ ސުވާލަކީ ޓީސީއަށް "މިކަން ކުރެވޭނެތޯ؟" މި ސުވާލެވެ. އަމިއްލަ ދަނޑުގައި ބަލިވެފައިވަނިކޮށް، ބެންގަލޫރުގައި މޮޅުވެވޭނެބާއެވެ. ބެންގަލޫރު އެފްސީގެ ސަޕޯޓަރުންގެ ކުރިމަތީގައި އެޓީމް ބަލިކުރެވޭނެތޯއެވެ. ސުނިލް ޗެތުރީއާއި ލެނީ ރޮޑްރިގޭޒް ފަދަ ތަރިން ތިބި ޓިމެއް ދެ ގޯލުގެ ތަފާތުން ބަލިކުރެވިދާނެތޯއެވެ.

މި ހުރިހާ ސުވާލަކަށްވެސް ޓީސީގެ ކޯޗުގެ އޮތީ އެންމެ ޖަވާބެކެވެ. "އެޓީމުންވެސް ނެރޭނީ އެގާރަ، މިކޮޅުންވެސް ނިކުންނާނީ އެގާރަ، ނުވަދިހަ މިނެޓު ދައްކާ ކުޅުމަށް ހުރިހާކަމެއް ބިނާވާނީ" މިހެންނެވެ.

ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނީ ޓީސީއަކީ ކިތަންމެ ޅަ ޓީމަކަށްވިޔަސް ހަނި ފުރުސަތެއް އޮތަސް އުއްމީދު ކަނޑާލާ ޓީމެއް ނޫންކަމަށެވެ. އެކަން މިދިޔަ ސީޒަންގައިވެސް އެޓީމުން ސާބިތުކޮށްދިނެވެ. މާލޭ ލީގުގެ ގަދަ ހަތަރެއްގެ ފުރުސަތު ހަނިވެ، ޕްރިމިއަރ ލީގަށް ކޮލިފައިވުމުގެ އަމިއްލަ ބާރުވެސް ގެއްލިފައިވަނިކޮށް، ފަހު މެޗުތަކުން މޮޅުވެ ގިނަ ގޯލްތަކެއް ޖަހައި އެޓީމުން މާލޭ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ހޯދިއެވެ.

img:http://s4.psmnews.mv/images/660x400/15190122709110.JPG|މާލޭގައި ކުޅުނު މެޗުގައި ޓީސީން ބެންގަލޫރުގެ ގޯލަށް އެޓޭކް ކުރަނީ: ފޮޓޯ-ޕީއެސްއެމް

ނިޒާމް ބުނީ އެންމެ ފަހު ވަގުތާއި ހަމައަށްވެސް އެޓީމުން ކުރާ މަސައްކަތައް ބަދަލެއް ނާންނާނެކަމަށާއި، ނަމުން ޓީމެއް މޮޅުވާނެނަމަ މިދިޔަ ތިން ސީޒަންގައި ޓީސީއަށް ލިބުނު ކާމިޔާބީތައް އެޓީމަށް ނުލިބުނީސްކަމަށެވެ.

"ނަމަށް ބަލަންޏާ ދުނިޔޭގެ ޗެމްޕިއަންކަންވެސް އަބަދު ބްރެޒިލް ހޯދާނެ، އެކަމަކު އެހެނެއް ނޫން އެކަން އޮތީ، ބެންގަލޫރުގެ ނަން ނުވަތަ ކުޅުންތެރިން މަޝްހޫރުވިޔަސް ޓީސީއަކީ މަސައްކަތްނުކޮށް މެޗު ދޫކޮށްލައިންތިބޭނެ ބައެއް ނޫން، ހަމަ ދެ ގޯލުގެ ތަފާތުން މޮޅުވެވޭނެކަމުގެ ޔަޤީންކަން އެބައޮތް" ނިޒާމް ބުންޏެވެ.

ތެދެކެވެ. މާލޭގައި ޓީސީއާއި ދެކޮޅަށް ކުޅުނު ބެންގަލޫރު އެފްސީ ކުޅުނު މެޗުގައި އެޓީމްގެ މުޙިންމު ކުޅުންތެރިންތަކެއް ނުކުޅެއެވެ. ސުނިލް ޗެތުރީއާއި، ފޯވާޑް މިކޫ، އަދި މިދޭސީ ޑިފެންޑަރުންގެ އިތުރުން ގޯލްކީޕަރު ގުރްޕްރީތްވެސް ޓީމާއިއެކު މާލެ ނުދެއެވެ. ބައެއް މީހުން ބުނަނީ ޓީސީއާއި ދެކޮޅަށް ކުޅުނީ ބެންގަލޫރު އެފްސީގެ ބެންޗު ޓީމްކަމަށެވެ. އެކަމަކު ސުވާލަކީ އިންޑިއަން ސުޕަ ލީގުގައި ވާދަކުރާ ވަރުގަދަ ޓީމުގެ ބެންޗުގައި އާދައިގެ ކުޅުންތެރިން ތިބޭނެބާވައެވެ. ހަމަ ޔަޤީނުންވެސް އެޓީމަކީ ކިހާ ވަރުގަދަ ސްކޮޑެއް އޮތް ޓީމެއްކަން މިހާރު ހުރިހާ ދިވެހިންނަށް އިނގޭނެއެވެ.

ބެންގަލޫރު އެފްސީގެ ކޯޗު ރޮކާ ބުނީ މި ކުޅުންތެރިންނަކީ ބެންގަލޫރުގެ ފުރަތަމަ އެގާރަ ހައްޤުވާ ކުޅުންތެރިންކަމަށެވެ. އެހެންކަމުން އައި ލީގުގައި މުހިންމު މެޗުތަކެއް ކުރިއަށް އޮތް އިރު މި މެޗުގައި ކޯޗު އެ ކުޅުންތެރިން ބޭނުންކުރުން ގާތެވެ. ޓީމުގައި ތިބި މަޝްހޫރު ކުޅުންތެރިން ނުލައިވެސް އެޓީމަކީ ވަރުގަދަ ޓީމެކެވެ. ސުޕަ ލީގުގެ ހުރިހާ މެޗެއްގައި ކޯޗު އަންނަނީ ޓީމް ރޮޓޭޓް ކުރަމުންނެވެ.

ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނީ އިދިކޮޅު ޓީމުން ހަދާނެ ގޮތެއް ބަލަން ބޭނުންނުވާކަމަށާއި، ޓީސީން ޓީސީގެ ގޭމް ކުޅެފިނަމަ ކާމިޔާބުނުވާންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ. ސުނިލް ޗެތުރީވިޔަސް އެހެން މީހަކު ހުއްޓަސް އެޓީމުން އާދައިގެ ކުޅުންތެރިއަކު ނާރުވާނެކަމަށްވެސް ނިޒާމް ބުންޏެވެ.

މި މެޗަށް ނިކުންނައިރު ބެންގަލޫރު އެފްސީ 2018ވަނަ އަހަރު ކުޅުނު 11 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އަމިއްލަ ދަނޑުގައި 2017 ން ފެށިގެން މިހާތަނަށް ކުޅުނު 25 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ 3 މެޗުންނެވެ. މި 25 މެޗުގެ ތެރެއިން އެޓީމަށް ގޯލެއް ނުޖެހުނީ އެންމެ 2 މެޗުގައެވެ. ބައިކޮޅަށް 15 ގޯލު ވަދެވައިވާއިރު، 54 ގޯލު އެޓީމުން ވަނީ ޖަހާފައެވެ.

ހަމަޔަޤީނުންެސް ބެންގަލޫރު އެފްސީ ދެ ގޯލުގެ ތަފާތުން ބަލިކުރުމަކީ ޓީސީއަށް ފަސޭހަ މަސައްކަތަކަށް ނުވާނެއެވެ. މި ބޮޑު ޗެލެންޖާއި ޓީސީން ކުރިމަތިލަނީ ފުރަތަމަ ލެގުން ހެދުނު ގޯސްތަކުން ފިލާވަޅު ދަސްކޮށްގެންނެވެ. ދިވެހި ފުޓްބޯޅައިގެ ސިންގާ މި މެޗަށް ނިކުންނަނީ ބެންގަލޫރު އެފްސީގެ ޝިކާރަކޮށް އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އަޒުމުގައެވެ.