ޚަބަރު

މުޒާހަރާކޮށްގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ- ޕޮލިސް


މުޒާހަރާކޮށްގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނޭކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސުން މިހެން ހާމަކޮށްފައި މިވަނީ، މިދިޔަ ދެ ދުވަހު މުޒާހަރާކޮށްގެން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ބުނެ، ރާއްޖެއާއި ބޭރުގެ ބައެއް މީޑިއާތަކުން ޙަބަރު ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

ފުލުހުންގެ ތަރުޖަމާނު، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މުޒާހަރާކޮށްގެން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިނުވާކަމަށާއި އަދި ހައްޔަރުކޮށްފައިވެސް ނުވާކަމަށެވެ. ނަމަވެސް ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައާއި ފުލުހުންނަށް ހަމަލާދޭން މަސައްކަތްކުރިކަމުގެ ތުހުމަތުގައި 7 މީހަކު ހައްޔަރުކޮށްފައިވާކަމަށް ޝިފާން ވިދާޅުވިއެވެ. ޝިފާން ވިދާޅުވީ 7 މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ކޯޓު އަމުރުގެ ދަށުންކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޤުތަކެއް ހިފަހައްޓާފައި ވީނަމަވެސް، ޖިނާޢީ ތުހުމަތެއްގެ ތަޙުޤީގުގައި ލިބެންޖެހޭ ހުރިހާ ހައްޤެއް އެފަރާތްތަކަށް ފޯރުކޮށްދެމުންދާކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވަނިކޮށް މިދިޔަ ހުކުރުދުވަހާއި ހޮނިހިރުދުވަހު އިދިކޮޅު ފަރާތްތަކުން އެއްވުންތަކެއް ބާއްވާފައިވަނީ، އެދުވަހުގެ އެއްވުންތަކުގެ ތެރޭގައި ޤާނޫނާއި ޚިލާފް ކަންތައްތަކާއި ނުރައްކާތެރި ކަންކަން ހިނގާނެކަމަށް ފުލުހުންގެ އިންޓަލިޖެންސަށް މަޢުލޫމާތު ލިބުމާއި ގުޅިގެން، އެފަދަ އެއްވުމެއް ނުބޭއްވުމަށް އަންގާފައިވަނިކޮށެވެ.