ޚަބަރު

ސަޢޫދީއާއި ޔޫއޭއީން ދިން އެހީއަށް ޝުކުރު އަދާކުރައްވައިފި


ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ސަޢޫދީ ޢަރަބިއްޔާ އާއި ޔޫއޭއީން ދިން 160 މިލިއަން ޑޮލަރުގެ އެހީއަށް، ދިވެހި ރާއްޖޭއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝުކުރު އަދާކުރައްވައިފިއެވެ.

އެރަބް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި، ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު އަބްދުﷲ ހަމީދު ވަނީ ރާއްޖެއަށް ދިން އެހީއަށްޓަކައި ސަޢޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާއި ވަލީއަޙުދު މުހައްމަދު ބިން ސަލްމާންއަށް ޝުކުރު ދަންނަވާފައެވެ. އެރަބް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކަށް ސަޢޫދީ ރަސްގެފާނު އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާކަން ސަފީރު އަބްދުﷲ ހަމީދު ފާހަގަކުރެއްވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާއި މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް 160 މިލިއަން ޑޮލަރުގެ އެހީއެއް ދެއްވިއިރު، މިހާރުވެސް ހުޅުމާލޭ ތަރައްޤީއާއި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތަށް 180 މިލިއަން ޑޮލަރު ދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް 160 މިލިއަން ޑޮލަރުގެ އެހީއެއް ސަޢޫދީއާއި ޔޫއޭއީން ދިން އިރު، ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް ސަޢުދީ ޢަރަބިއްޔާއާއި ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިގޮތުން ރާއްޖޭގެ އަމަން އަމާންކަމާއި ހަމަޖެހުން ކިލަނބުވާ ކޮންމެ ކަމަކާމެދު އެ ދެ ޤައުމުން ވަރަށް ބޮޑަށް ކަންބޮޑުވާކަން ހާމަކުރައްވައި، މި ކަންތައްތަކަކީ ރާއްޖޭގެ ދާޚިލީ ކަންތައްތަކެއް ކަމުގައިވެސް ސަޢުދީ ޢަރަބިއްޔާއާއި ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ ސަރުކާރުން ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން، މި ކަންތައްތައް ޙައްލުކުރުމަށްޓަކައި ރާއްޖޭގެ ދުސްތޫރުގެ ތަރަޙައިގެ ތެރެއިން މަސައްކަތްކުރުމަށް ގޮވާލުމާއެކު، ބޭރުގެ ނުފޫޒެއް ނުވަދެ ކަމާގުޅޭ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމުގެ ތެރެއިން އެކަށީގެންވާ ހައްލުތަކަށް ވާޞިލުވުމަށް ބާރުއަޅުއްވައި، އެ ގޮތުގައި އެޅޭ ކޮންމެ ފިޔަވަޅަކަށް އެ ދެ ޤައުމުން މަރުޙަބާ ކިޔާނެކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ އަމަން އަމާންކަމަށާއި ހަމަޖެހުމަށް މަގުފަހިވާނެ ކޮންމެ ކަމަކަށް ސަޢުދީ ޢަރަބިއްޔާއާއި ޔުނައިޓެޑް ޢަރަބް އެމިރޭޓްސްއިން ދެމުންދާ އެއްބާރުލުމަށް އެއްވެސް ބަދަލެއް ނުގެނެސް، ރާއްޖޭގެ ރައްޔިތުންނަށް ހެޔޮއެދުންމަތީ އަބަދުވެސް ދެމިތިބޭނެކަމުގައި ދެޤައުމުން ބަޔާންކުރައްވާފައިވެއެވެ.