ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ހިތްވަރު ލިބޭ ގޮތަށް ބައެއް މީޑިއާތަކުން ޚަބަރު ފަތުރަމުންދާކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފިއެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުނު ބަޔާނެއްގައި، ބައެއް މީޑިއާތަކުން ޙަޤީޤަތް އޮޅޭގޮތަށް ޚަބަރު ފެތުރުމާއި ދައުލަތުގެ ބާރުތަކާއި އެކި މުއައްސަސާތަކުގެ އަގު ވެއްޓޭގޮތަށާއި، ރައްޔިތުންގެ މެދުގައި އެމުއައްސަސާތަކާ މެދު ނަފްރަތު އުފެދޭނޭ ފަދަ ކޮންޓެންޓް ގެނެސްދެމުންދާކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން އެއްވެ އުޅުމުގެ ޤާނޫނާ ޚިލާފަށް ބާއްވާ މުޒާހަރާތަކާއި އެއްވުންތައް ވެސް ބައެއް ބްރޯޑްކާސްޓަރުން ލައިވްކޮށް ގެނެސްދެމުންދާކަން ބްރޯޑްކާސްޓިންގ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
ކޮމިޝަނުގެ ބަޔާނުގައި މި ފަދަ މައްސަލަތައް މެދުވެރި ނުވާނޭގޮތަކަށް ބްރޯޑްކާސްޓަރުންގެ އަމަލުތައް ބެހެއްޓުމަށް ބްރޯޑްކާސްޓިންގ ސްޓޭޝަންތައް ހިންގާ އިސް ވެރިންނަށް ކޮމިޝަނުން ވަނީ ގޮވާލާފައެވެ. އަދި ޤާނޫނާ ޚިލާފަށް ބާއްވާ މުޒާހަރާތަކާއި އެއްވުންތައް ބްރޯޑްކާސްޓްކުރުމުގެ ސަބަބުން އެއްވެސް ޤާނޫނަކާ ޚިލާފުވާނަމަ އެ ކަމުގެ ފުރިހަމަ ޒިންމާ އެ ބްރޯޑްކާސްޓަރަކު ނަގަންޖެހޭނެކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.
ކޮމިޝަނުގެ ބަޔާނުގައި ޤާނޫނީ އިމުގެ ތެރެއިން ހަރަކާތްތެރިވާ ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަމަށާއި ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ބުނެފައިވެއެވެ.