ޚަބަރު

ކުއްލި ނުރައްކަލާ ގުޅޭގޮތުން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި


ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވައިފިއެވެ.

މާފަންނު އެންދެރިމާގެ ޔުމްނާ މަޢުމޫން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައި ވަނީ ޤާނޫނުއަސާސީއާ ޚިލާފަށްކަމަށް ބުނެ، ކުއްލި ނުރައްކަލުގެ ޤަރާރު ބާތިލުކޮށްދިނުމަށް އެދިއެވެ.

މިމައްސަލަ ބަލައިގަތުމާމެދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމެވި ނިންމެވުމުގައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީއާ އެއްގޮތަށްކަމަށާއި އެއީ ޤާނޫނާ ޚިލާފަށް ނެރުނު ޤަރާރެއްކަމަށް ބެލެވޭނެ ދުސްތޫރީ އެއްވެސް އަސާސެއް ނެތްކަމަށެވެ. އެހެންކަމުން މައްސަލަ ހުށަހެޅުއްވި ސަބަބުތަކަށް ބަލައި، މިމައްސަލައަކީ ސުޕްރީމް ކޯޓުގެ ޤަވާއިދުގެ ދަށުން ބަލައިގަންނަންޖެހޭ މައްސަލައެއްކަމަށް ނުފެންނަކަމަށް ސުޕްރީމް ކޯޓުގެ ނިންމެވުމުގައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީގެ ދަށުން ލިބިދޭ ބާރުގެ ދަށުން 15 ދުވަހަށް ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރީ މިމަހުގެ 5 ވަނަ ދުވަހުގެރެއެވެ. މިމުއްދަތު މާދަމާއަށް ހަމަވާނެއެވެ.