ސިއްހަތު

ކެންސަރުގެ އެކި ވައްތަރުތައް ދަނީ ރާއްޖޭގައި ޢާއްމުވަމުން


ކެންސަރު ބައްޔަކީ ދިވެހިންގެ ތެރޭގައި ފަހަކަށްއައިސް އެންމެ ގިނައިން ފެންނަމުންދާ އެންމެ ނުރައްކާތެރި އެއް ބައްޔެވެ. ރާއްޖޭގެ ކުޑަކުދިންނަށް އެންމެ ޢާއްމުގޮތެއްގައި ޖެހޭ ކެންސަރުގެ ބާވަތަކީ ލޭގެ ކެންސަރުކަމަށް އައިޖީއެމްއެޗްގެ އޮންކޮލޮޖިސްޓް ޑރ.މުޙައްމަދު ޝިފާން ވިދާޅުވެއްޖެއެވެ. ޑރ.ޝިފާން ވަނީ ކެންސަރުގެ އެކި ވައްތަރުތައް ރާއްޖޭގައި ޢާއްމުވަމުންދާކަން ފާހަގަކުރައްވާފައެވެ. 

ރާއްޖޭގައި އެންމެ ޢާއްމުވަމުން އަންނަ ނުރައްކާތެރި އެއް ބައްޔަކީ ކެންސަރުބަލިކަމަށް ސިއްޙީ ދާއިރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި އެންމެ ނުރައްކާ އެއްބަޔަކީ ކެންސަރުކަމަށްވާއިރު، ރާއްޖޭގައި ކެންސަރު ބަލީގެ އެކި ވައްތަރުތައްދަނީ ޢާއްމުވަމުންނެވެ. 

އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރ އަދި ރާއްޖޭގައި މިވަގުތު ހުންނެވި ކެންސަރުބަލީގެ ހަމަ އެކަނި ސަރޖަން ޑރ.މުޙައްމަދު ޝިފާން ވިދާޅުވީ ރާއްޖޭގައި ކެންސަރު ޢާއްމުވާން ދިމާވާ ވަރަށްގިނަ ސަބަބުތައް އެބަހުރިކަމަށެވެ. ކެންސަރަކީ ހަށިގަނޑުގައިވާ ޖީން އަކުން ޖެހޭ ބައްޔެއް ނަމަވެސް މިބަލި ޖެހުމަށް އެހެނިހެން ސަބަބުތައް އިސްދައުރެއް އަދާކުރާކަމަށް ޑރ.ޝިފާން ވިދާޅުވިއެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ ހުއްޓުވިދާނެ ކަންތައްތައްކަން ޑރ.ޝިފާން ފާހަގަކުރެއްވިއެވެ. 

އެގޮތުން ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް ދުންފަތުގެ އިސްތިޢުމާލުކުރާކަމާއި، އެދުމުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލުނުކުރާ މީހުނަށްވެސް އޭގެ އަސަރުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދުފުމަކީވެސް ކެންސަރަށް މަގުފަހިކުރުވާ ކަމަކަށްވާއިރު މިއީ ގިނަ ދިވެހިން ދެވިހިފާފައިވާ ނުރަނގަޅު އާދައެއްކަން ޑރ.ޝިފާން ފާހަގަކުރެއްވިއެވެ. 

ރާއްޖެއިން އެންމެ ގިނައިން ފެންނަ ކެންސަރުގެ އެއްވައްތަރަކީ އޯރަލް ކެންސަރ ނުވަތަ އަންގައިގެ އެތެރެއަށް ޖެހޭ ކެންސަރެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައިޖީއެމްއެޗްގެ އޮންކޮލޮޖީ ޑޮކްޓަރ، ޑރ.ޝިފާން ވިދާޅުވީ ދުފުމުގެ ނުރައްކާ ދިވެހިންނަށް ނުވިސްނެނީކަމެއް ނުވަތަ އެ މެސެޖް ފޯރުކޮށް ނުދެވެނީ ކަމެއް ނޭނގޭކަމަށާއި އެކަމަކު މިއީ ނުރައްކާކަމެއްކަމަށެވެ.

ރާއްޖޭގައި ކެންސަރުބަލީގެ ލިޔެކިޔުންތައް ދެމެހެއްޓެނިވިގޮތެއްގައި ރައްކާކުރެވިފައި ނެތުމުން މިބަލީޖެހިގެން ރަޖިސްޓްރީ ނުކުރާ މީހުން ތިބޭނެކަން ފާހަގަކުރައްވާ ޑރ.ޝިފާން ވިދާޅުވީ ކެންސަރުބަލިޖެހިފައިވާ މީހުންގެ ޢަދަދު ރިކޯޑުކުރެވިފައިވާ މީހުންނަށްވުރެ ގިނަ ވާނެކަމަށެވެ. ޑރ.ޝިފާން ވިދާޅުވީ ރާއްޖޭގައި އެންމެ ޢާއްމުކޮށް ފެންނަ ކެންސަރުގެ ވައްތަރުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި ތައިރޮއިޑް ކެންސަރާއި ރަޙިމުގެ ދޮރަށްޖެހޭ ކެންސަރުގެ އިތުރުން އަނގައިގެ އެރެތެއަށްޖެހޭ ކެންސަރު ހިމެނޭކަމަށެވެ. އަދި ކުޑަކުދިންގެ މެދުގައި އެންމެ ޢާއްމު ކެންސަރުގެ ވައްތަކީ ލޭގެ ކެންސަރުކަމަށެވެ.

ކެންސަރު ބައްޔަކީ ނުރައްކާތެރި ބައްޔަކަށް ވީނަމަވެސް ބަލީގެ ކުރީކޮޅު ދެނެގަނެވިއްޖެނަމަ މުޅިން ފަސޭހަ ކުރެވޭ ބައްޔެކެވެ. ރާއްޖޭގައި ކެންސަރުބައްޔަށް ދެވޭ ފަރުވާއަކީ ކީމޯތެރަޕީ އާއި އޮޕަރޭޝަންކުރުމެވެ. ރޭޑިއޭޝަންގެ ޚިދުމަތް މިހާރުދެވެން ނެތްނަމަވެސް އަމާޒަކީ ރާއްޖޭގައި އެޚިދުމަތްވެސް މުސްތަޤުބަލުގައި ދެވެންފެށުންކަމަށް ޝިފާން ވިދާޅުވިއެވެ. ކެންސަރާ ބެހޭގޮތުން ވާހަކަދައްކަވަމުން ޑރ.ޝިފާން ވިދާޅުވީ ދިރިއުޅުމުގެ ބައެއް އާދަތައް ބަދުކޮށްގެން މިބަލިން ރައްކާތެރިވެވިދާނެކަމަށެވެ. އެގޮތުން ކަސްރަތު ކުރުމާއި ދުންފަތާއި ދުފުމާއި ދުރުހެލިވުމާއި ތައްޔާރީ ކާނާއާއި ހަކުރުގެ މިންވަރު ގިނައިން އެކުލެވޭ ބުއިންތަކުން ދުރުހެލިވާންޖެހޭކަމަށެވެ.