ތަރައްްޤީ

ހުޅުމާލޭ ފޭސް 2ގައި މިއަހަރު މީހުން އާބާދުކުރަން ފަށަނީ


ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިއަހަރުގެ ތެރޭގައި މީހުން އާބާދުކުރަން ފެށުމަކީ އަމާޒެއްކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވެއްޖެއެވެ. 

ބޯހިޔާވަހިކަމުގެ ދާއިރާއިން ރާއްޖޭގައި ހިންގާ އެންމެ ބިޔަ މަޝްރޫޢުކަމަށްވާ ހިޔާ ޕްރޮޖެކްޓްގެ ދަށުން އިމާރާތްކުރާ 25 ބުރީގެ 16 ޓަވަރެއްގެ ޢަމަލީ މަސައްކަތް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރުވެސް ދަނީ ކުރަމުންނެވެ. މި 16 ޓަވަރުގެ ފައުންޑޭޝަނަށް ބޭނުންވާ ޕައިލިން މަސައްކަތުގެ ފަސްދޮޅަސް އިންސައްތަ މިހާރު ނިމިފައިވާކަމަށް އެޗް.ޑީ.ސީން ބުނެއެވެ.ޒުވާނުންގެ ސިޓީގެ ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، މިވަގުތު އެންމެ ހަލުވިކޮށް ކުރިއަށްދާ އެއް މަޝްރޫޢަކީ 7000 ސޯޝަލް ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢެވެ. 25 ބުރީގެ 16 ޓަވަރުގެ މައްޗަށް އެކުލެވޭ މި 7000 ހައުސިންގ ޔުނިޓަކީ ސަރުކާރުން އިޢުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުކަމުގައިވާ ހިޔާ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މިއީ ޗައިނާގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނިކަމަށްވާ ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އިންޖިނިއަރިންގ ކޯރޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.



7000 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، މި 7000 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް ބޭނުންވާ ސައިޓް މޮބިލައިޒްކޮށް، ކޮންސްޓްރަކްޝަނަށް ބޭނުންވާ ސާމާނު މިހާރު ރާއްޖެގެނެސްފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މި 16 ޓަވަރުގެ ފައުންޑޭޝަން އެޅުމަށް ބޭނުންވާ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކަމަށާއި، މިއަހަރުގެ ތެރޭގައި މި ޓަވަރުތަކުގެ ބޮޑުބައެއް ނިންމާލެވޭނެކަމަށެވެ.



"މިތަނުގެ ލޭބަރކުއަޓަރ މެޓީރިއަލްއާއި، ކޮންސްޓްރަކްޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗެއް މިތަނަށް ގެނެސް ޢަމަލީ މަސައްކަތްތައް ރެއާއި ދުވާލު އެބަކުރިއަށްދޭ. މިހާރު ފައުންޑޭޝަން މަސައްކަތުގެ ތެރޭގައި ހިމެނޭ ޕައިލިންގގެ 60 އިންސައްތަ މިހާރުވަނީ ނިމިފައި. އަޅުގަނޑުމެން އުއްމީދު މިކުރަނީ 24 ގައިޑިއިރު ހަފްތާގެ ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރިއަށްދާކަމަށްވަނީނަމަ މިއަހަރުގެ ތެރޭގައި މީގެ ބޮޑުބައެއް ކަވަރކޮށް ނިމޭނެކަމަށް" އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވިއެވެ.

7000 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް ކުރިއަށްދާއިރު، ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ މަގުހެދުމާއި، ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ. ސައިމަން ވިދާޅުވީ، މި 7000 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިމޭއިރު، އެތަންތަނަށް ބޭނުންވާ ކޮމާޝަލް ސްޕޭސްއާއި، ޕާކިން އޭރިއާއި އަދި މި ނޫނަސް އާންމު ރައްޔިތުންނަށް ބޭނުންވާނެ ތަފާތު ވަސީލަތްތައް ޤާއިމުކުރާނެކަމަށެވެ.



"މި 7000 ހައުސިންގ ޔުނިޓްގެ 25 ބުރީގެ މި 16 ޓަވަރުގައިވެސް ހިމެނިގެން މިއަންނަނީ ސަރުކާރުން ޙާއްސަ އިސްކަމެއްދީގެން ބޯހިޔާވަހިކަން ކޮންމެހެން ހޯދައިދޭން ބޭނުންވާ އާއިލާތަކަށް ޓާގެޓްކުރެވިގެން ތަރައްޤީކުރާ އެޕާޓްމަންޓްތަކެއް. މިތަންތަނަކީވެސް ހަމަ ވާޓިކަލް ޑިވެލޮޕްމަންޓްތައްކަމަށްވާތީވެ، ތިރީގައި ފިހާރައާއި، އަދި ކޮންވީނިއަންޓް ސްޓޯރާއި، ޕޯސްޓް އޮފީސް ފަދަ ކޮމަން އެމިނިޓީސް، ކޮންމެހެން ބޭނުންވާ ވަސީލަތްތައް މިތަންތަނުގައި ޤާއިމުކުރާނެ" އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވިއެވެ.



މި 7000 ހައުސިންގ ޔުނިޓްގެ އިތުރުން، ހިޔާ މަޝްރޫޢުގެ ދަށުން ދަޢުލަތުގެ މުއައްސަސާތަކާއި، ސަރުކާރު ކުންފުނިތަކުންވެސް އެތައް ސަތޭކަ ހައުސިންގ ޔުނިޓްތަކެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރުން ހަމަޖެހެމުންދާ މިންވަރަކުން، ހިޔާ މަޝްރޫޢުގައި ބައިވެރިވުމަށް އިޢުލާންކޮށްފައިވާ ކުންފުނިތަކުން ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން އެޗް.ޑީ.ސީން ފާހަގަކުރެއެވެ. އަދި އަމާޒަކީ މިއަހަރުގެ ތެރޭގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުކުރަން ފެށުންކަމަށްވެސް އެކުންފުނިން ބުނެއެވެ.



"ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް ލޯންތައް ނަގައިގެން މިކުރެވޭ މަސައްކަތަކީ ހުޅުމާލެއިން މި ޕްރޮޖެކްޓްތަކުން މި ލާރި އަނބުރާލިބި، މި ލޯންތަކަށް ދައްކާ، ރައްޔިތުންނަށް މީގެ މަންފާ ލިބޭނެ ހުރިހާކަމެއް ހުޅުމާލޭ ފޭސް ދެއަކުން ހަމަޖެހިގެންދިއުން. އަޅުގަނޑުމެންގެ އުއްމީދަކީ އަދި ޑްރީމަކީވެސް މިއަހަރުގެ ތެރޭގައި ހުޅުމާލޭ ދެވަނަ ފިޔަވަށްސަކީ މީހުން ދިރިއުޅޭ ހިތްފަސޭހަ ސިޓީއަކަށް މިތަންވެގެންދިއުން. އެ އަމާޒަށް ވާސިލްވުމަށް ސަރުކާރުން މަސައްކަތް މިކުރަނީ" އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވިއެވެ.



ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސޯޝަލް ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ރިއަލް އެސްޓޭޓް އުސޫލުން ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމަށްޓަކާ 20 ވުރެ ގިނަ ކުންފުންޏާއި މަސައްކަތް ހަވާލުކޮށް، ފްލެޓްތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ފާހަގަކޮށްލަންޖެހެއެވެ. މިއާއެކު ހުޅުމާލެ ވެފައިވަނީ ޢުމްރާނީ ތަރައްޤީގެ ދާއިރާއިން އެއްފަހަރާއި އެންމެ ގިނަ މަޝްރޫޢުތައް ރާއްޖޭގައި ކުރިއަށްދާ ސަރަޙައްދަށެވެ.