ކުޅިވަރު

ބިދޭސީ ތިން ކުޅުންތެރިންނާމެދު ޔަޤީންކަން އެބައޮތް: ސޮބާ


މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ވެލެންސިއާ އަށް ގެންނަ ބިދޭސީ ހަތަރު ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިން މާލެ އައިސްފައިވާއިރު، ކުޅުންތެރިންނާމެދު ވަރަށް ބޮޑު އިތުބާރެއް އެބައޮތް ކަމަށް ކޯޗު ސޮބާހް މުހައްމަދު ބުނެފި އެވެ.

ސޮބާގެ ބެލުމުގެ ދަށުން ވެލެންސިއާ ޓީމާ ގުޅިފައިވަނީ ޔުކްރޭނުގެ ފޯވަޑަކާއި، މިޑްފީލްޑަރެއްގެ އިތުރުން ޖަޕާން ކީޕަރު ޖުން ކޮޗީއެވެ. މީގެ ތެރެއިން ކޮޗީ އަކީ ކުރިން ނިއުރޭޑިއަންޓާއި ގްރީން ސްޓްރީޓްސް އަށް ކުޅެފައިވާ ކީޕަރެކެވެ. މި މަހުގެ 25ގައި ފަށާ އާސީޒަނަށް ވެލެންސިއާއަށް ގެންނަ ހަތަރު ވަނަ ކުޅުންތެރިއަކީ ކިރިގިސްތާނުގެ ޑިފެންޑަރެކެވެ.

"މީގެ ކުރިން ވެސް އަހަރެން ގެނައި ކުޅުންތެރިން ރާއްޖޭގެ ދަނޑުގައި ރަނގަޅަށް ކުޅެފި. އެހެންވީމަ މި ކުޅުންތެރިން ވެސް އެފަދަ ކުޅުމެއް ދައްކާނެ ކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވޭ. ޖުން އަކީ އެންމެނަށްވެސް އެނގޭ ފެންވަރު ދައްކާފައިހުރި ކުޅުންތެރިއެއް،" ސޮބާހް ބުންޏެވެ.

ޔުކްރޭނުގެ ދެ ކުޅުންތެރިންގެ ތެރެއިން ފޯވަޑް ކުޅުންތެރިޔާއަކީ އެ ގައުމުގެ ގައުމީ ޓީމަށްވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. އަދި މިޑްފީލްޑަރަކީ ޔުކްރޭނުގެ ދެ ވަނަ ޑިވިޝަނުގައި ކުޅެފައިވާ ކުޅުންތެރިއެވެ.