ޚަބަރު

ޑިމޮކްރަސީގެ ނަމުގައި ޤައުމު ފުނޑާލަން ފުރުޞަތެއް ނުދޭނަން-ތާރިޤް


ޑިމޮކްރަސީގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ދިވެހިންގެ މިނިވަންކަމާއި، ދިވެހި ޤައުމިއްޔަތު ފުނޑާލުމަށް ކުރާ މަސައްކަތްތަކަށް ސަރުކާރުން އެއްވެސް ފުރުޞަތެއް ނުދެއްވާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއިން ގެނެސްދޭ "އެންމެ ފުރަތަމަ ޤައުމު" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ތާރިޤް ވިދާޅުވީ، އިދިކޮޅު ސިޔާސީ ފަރާތްތަކުން މަސައްކަތްކުރަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިވެހި ޤައުމަށް ގެންނަވަން މަސައްކަތްކުރައްވާ ތަރައްޤީގެ އަޑު ކަނޑުވާލައި މިވަގުތު ހެޔޮ ފާލަކަށް އޮތް ރާއްޖޭގެ އިޤްތިޞާދު ފުން ވަޅުގަނޑަކަށް ވައްޓާލުމަށް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ކުރީގެ ރައީސް ނަޝީދަކީ އެބޭބޭފުޅުންގެ ވެރިކަމުގައި ރާއްޖެއަށް ގެންނަންޖެހޭ ތަރައްޤީ އެންމެ ފުރިހަމަގޮތުގައި ގެނުމުގެ ޒިންމާ އަދާކުރެވުނު ބައެއް ނޫންކަން، ކުރު މުއްދަތެއްގެ ތެރޭގައި ރައީސް ޔާމީން ޤައުމަށް ގެންނަވާފައިމިވާ ހަލުއި ތަރައްޤީން ހާމަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ތާރިޤް ވިދާޅުވީ، 30 އަހަރަކާއި، އިތުރު ތިން އަހަރެއްގެތެރޭގައި ރާއްޖޭގައި ނަރުދަމާ ނިޒާމް ޤާއިމް ކުރެވުނީ އެންމެ 31 ރަށުގައި ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ މިފަދަ ކަންކަން ފޯރުކޮށްދިނުމުގައިވެސް ރައީސް މައުމޫނާއި ނަޝީދު ވަނީ ފެއިލްވެފައިކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ފަސްދޮޅަހަސްވުރެ ގިނަ ރަށުގައި ނަރުދަމާގެ ޚިދުމަތް ޤާއިމްކޮށްދެވޭނެކަމަށެވެ. އަދި އިދިކޮޅު ސިޔާސީ ލީޑަރުން ބޭނުންވަނީ ރައީސް ޔާމީން މިވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ރާއްޖެއަށް ގެންނަމުންދާ ތަރައްޤީގައި މެޑެލްޖައްސަވަން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ތާރިޤް ދެއްކެވި ވާހަކަފުޅުގައި، ވެރިކަން ވައްޓާލުމަށް ޝަރުޢީ ނިޒާމުގެ ތެރެއިން ބަޣާވާތުކުރުމުގެ ފިނޑި އަމަލުތަކެއް ސިޔާސީ ފަރާތްތަކުން ކުރުމުގެ ބަދަލުގައި އެންމެހާ ބޭފުޅުންނަށްވެސް ވޯޓާ ހަމައަށް ގޮސް، ވޯޓުން ކަންކަން ކާމިޔާބު ކުރުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. އަދި ރާއްޖެއަށް ގެންނަން އުޅުނު ބަޣާވާތުގެ ސަބަބުން ތަރައްޤީއަށް ގެންނަން ފަށާފައިވާ އެއްވެސް ކަމަށް ބަދަލެއް ނާންނާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ރައީސް ޔާމީން ކަންކަން ކުރައްވަނީ ކަމަށް ޤާބިލު ކަންކަން ކުރެވޭ މީހުންގޮވައިގެން ކަަމަށާ، ރާއްޖޭގެ ސިޔާސީ މަސްރަހައް އައި ހަލަބޮލިކަމަކުން ޤައުމުގެ ހިންގުމަށާއި، ތަރައްޤީއަށް އަދި އެއްވެސް ވުޒާރާއެއްގެ މަސައްކަތައް މަޑުޖެހުމެއް ނާންނަކަމަށެވެ. އަދި ރާއްޖެއަށް ގެންނަން މަސައްކަތްކުރި ބަޣާވާތާއި، އެކަމުގެ ސަބަބުން އައި ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ޤައުމާއިގެން ކުރިއަށްދާން ވަޒީރުންނަށްވެސް ލިބުނީ އިތުރު ހިތްވަރަކާއި ފަންވަރެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އެއްވެސް ހާލެއްގައި އިދިކޮޅު ފަރާތްތަކުން ޤައުމަށް ގެއްލުންދޭން ކުރާ އެއްވެސްކަމަކަށް ސަރުކާރުންވެސް، އަދި ޚުދު ރައީސުލްޖުމްހޫރިއްޔާވެސް ފުރުޞަތެއް ނުދެންވާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.