ޚަބަރު

ރާއްޖެއަށް ދޭ އެހީތައް ނުހުއްޓޭނެ - ސަޢުދީ، ޔޫއޭއީ


ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމަށް ބެލުމެއް ނެތި، ޔޫއޭއީއާ ގުޅިގެން ރާއްޖޭގެ ތަރައްޤީއަށް އަބަދުވެސް އެހީވާނޭކަމުގެ ޔަޤީންކަން ސަޢުދީ ޢަރަބިއްޔާއިން ދީފިއެވެ.

ސަޢުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްއާއި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން ދެމުންގެންދާ އެހީތައް ހުއްޓުމެއްނެތި ފޯރުކޮށްދޭނެކަމަށެވެ. މިގޮތުން އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތާއި މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމުގެ މަސައްކަތަށް ދިނުމަށް އެއްބަސްވެފައިވާ 160 މިލިއަން ޑޮލަރުގެ އެހީވެސް އެއްބަސްވެފައިވާ ގޮތަށް ލިބޭނެކަމަށް މިބަޔާނުގައިވެއެވެ.

މިބަޔާނުގައި ރާއްޖޭގައި ހިނގަމުންދާ ކަންކަން ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީން ގާތުން ބަލަމުންދާކަމަށް ބުނެފައިވެއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަން ޙައްލުކުރަންޖެހޭނީ ބޭރުގެ ބައެއްގެ ނުފޫޒު ނެތި، ދިވެހިންގެ ތެރޭގައި މަޝްވަރާކޮށްގެންކަމަށް ސަޢޫދީ ޢަރަބިއްޔާއާއި ޔޫއޭއީން ދެކޭކަމަށްވެސް ބުނެފައިވެއެވެ. އަދި މިކަންކަމަށް ސަޢޫދީ ޢަރަބިއްޔާއާއި ޔޫއޭއީގެ ފުރިހަމަ އެއްބާރުލުމާއި ތާޢީދު ލިބޭނެކަމަށްވެސް މިބަޔާނުގައިވެއެވެ.

މިމަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވުމުން، އެކަމާ ގުޅޭ މަޢުލޫމާތު ޚިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފައެވެ. މިނިސްޓަރ ޝައިނީ ވިދާޅުވީ ސަޢޫދީއަށް ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބުކަމަށާއި ދަތުރުގެ ނަތީޖާ ފެންނާނެކަމަށެވެ.

ރާއްޖެއަށް ދެމުންދާ އެހީތައް މެދުނުކެނޑި ކުރިއަށްދާނެކަމަށް ބުނެ ސަޢުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓުން ނެރުނު ބަޔާނާ ގުޅިގެން ފިޝަރީޒް މިނިސްޓަރ ޝައިނީ ވަނީ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.