އިދިކޮޅު ފަރާތްތަކުން މަގުތަކަށް ނިކުމެ އުފައްދަމުންދާ ހަމަނުޖެހުންތައް ޙައްލުކުރުމަށް ވަގުތުހޭދަކުރަންޖެހުމަކީ، ތަރައްޤީގެ ކަންކަމަށް ވަގުތު ހޯދުމަށް ހުރަސްއެޅުމުންދާ ކަމެއްކަމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ތާޢީދުއޮތްކަން ހާމަކުރުމަށްޓަކައި ޒުވާނުން އިސްނަގައިގެން "ޔޫތް ނޭޝަން" ގެ ނަމުގައި ބޭއްވި ޙަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދައުލަތުގެ ތަކެއްޗައް ދެމުންދާ ގެއްލުންތައް އިއާދަކުރުމަށްޓަކައި ދަޢުލަތުން ބޮޑެތި ޚަރަދުތައް ކުރަމުން އަންނަކަމަށާއި މިކަމުގެ ސަބަބުން މުހިންމުކަންކަމަށް ކުރަންޖެހޭ ޚަރަދުތަކަށް ހުރަސްއެޅޭކަމަށެވެ. އެގޮތުން ސްޓެލްކޯގެ ސަބްސްޓޭޝަން ފޮއްޓެއްގައި ބަޔަކު ރޯކޮށްލި ހާދިސާގައި ލިބުނު ގެއްލުން ފޫބެއްދުމަށް އެކަނި ޚަރަދުކުރަންޖެހުނު ފައިސާއަކީ ދެހާހަށްވުރެ ގިނަ ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުސަރު ފަހިކޮށްދެވޭނެ ޢަދަދެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މިފަދަ ޢަމަލުތައް ހުއްޓާލައި ކުރިމަޤަށް ފައިދާހުރި ކަންކަމަށް ޒުވާނުންގެ ވަގުތު ހުސްކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
ރައީސް ވިދާޅުވީ ގައުމުގެ ޙާލަތު ބަދަލުކުރުމުގައި އިސް ރޯލެއް އަދާކުރަންތިބީ ޒުވާނުންކަމަށެވެ. އަދި މިހާރުގެ ސިޔާސީވެރިން މިދާއިރާއިން ދުރަށްދާންޖެހޭނެ ދުވަހު އެ ގޮނޑިތައް ފުރާލަންތިބީ މިހާރުގެ ޒުވާން ޖީލުކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކޮންމެ މީހެއްގެ ހަށިގަނޑުގައި ވަކި ކުލައެއްގެ ލެޔެއް ހިނގަން ނުޖެހޭކަމަށާ ކޮންމެ ކުލައަކަށް ތާޢީދުކުރާ މީހަކަށްވީނަމަވެސް އެމީހަކަށް ލިބެންޖެހޭ ޙައްޤުތައް ފުރިހަމައަށް ލިބޭނެކަމަށެވެ.