ޚަބަރު

ރައީސް ޔާމީނަށް ތާއީދުކޮށް ޒުވާނުން ޚާއްޞަ ހަރަކާތެއް ބާވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އޮތް ތާޢީދު ހާމަކުރުމުގެގޮތުން ޒުވާނުން އިސްނަގައިގެން ޚާއްޞަ ޙަރަކާތެއް ބާއްވައިފިއެވެ.

"ޔޫތް ނޭޝަން"ގެ ނަމުގައި ބޭއްވި މި ޙަރަކާތުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވެއެވެ.

ރައިސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ބައިވެރިވެ ވަޑައިގެންނެވި މި ޙަރަކާތުގައި ގިނަ އަދަދެއްގެ ޒުވާނުން އެމީހުންގެ ޝުއޫރު ފާޅުކޮށްފައިވެއެވެ. އެގޮތުން ރާއްޖެ ސިޔާސީ އަނދިރިކަމެއްގެ ތެރޭގައި ވަނިކޮށް، ރާއްޖޭގެ އިޤްތިޞާދު ކޮޅަށްޖަހައިދިނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް ޒުވާނުން ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ އަދުލުއިންސާފު އޮޔާލާ ގޮސްފައިވަނިކޮށް އަދުލު އިންސާފު ޤާއިމްކޮށްދިނީ ރައީސް ޔާމީންކަމަށްވެސް ޒުވާނުންވަނީ ބުނެފައެވެ.

ރާއްޖޭގެ ޖަލުތަކުގައި ތިބި ޒުވަނުންނަށްޓަކާކަމަށްބުނެ، ބޮޑެތި ކުށްތަކުގައި ހުކުމްކޮށްފައިވާމީހުން ސަލާމަތްކުރުމަށް އިދިކޮޅު ފަރަތްތަކުން އަޑު އުފުލަމުންދާތީ އެފަދަ ބައެއްގެ ނިޔަތާއި ޤައުމުދެކެ ވާ ލޯތްބާމެދުވެސް ޒުވާނުން ވަނީ ސުވާލު އުފައްދާފައެވެ. އަދި ކުށްވެރިން ދޫކޮށްލުމަށް އިދިކޮޅުފަރާތްތަކުން ގޮވިޔަސް އެކަންކޮށްދޭކަށް ޒުވާނުން ބޭނުންނުވާކަމަށް ޒުވާނުންވަނީ ބުނެފައެވެ. މި ޙަރަކާތުގައި ވާހަކަދެއްކި ޒުވާން އަންހެނުންވަނީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އަންހެނުންގެ ތަރައްޤީއަށް ކުރެއްވި މަސައްކަތް ފާހަގަކޮށްފައެވެ.

ވެސްޓް ޕާކް ސަރަޙައްދުގައި ކުރިއަށްގެންދިޔަ މިރެލީގައި މުނިފޫހިފިލުވުމުގެ އެކި ޙަރަކާތްތައްވެސްވަނީ ކުރިއަށްގެންގޮސްފައެވެ.