ދުނިޔެ

މެދުއިރުމަތީގެ ސުލްހައަށް އެމެރިކާއިން ގެންގުޅޭ ޕްލޭން


އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙަ ގާއިމްކުރުމަށް އެމެރިކާއިން އިސްނަގައިން އެކުލަވާލާ ޕްލޭންގެ މަސައްކަތް ވަރަށް ބާރު ދުވެއްޔެއްގައި ކުރިޔަށްދާކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވެއްޖެއެވެ.

ޓިލަސަން މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި އުރުދުންއަށް ވަޑައިގެން ދެއްވި ބަޔާނެއްގައި ވިދާޅުވީ އެ ޕްލޭން ތައްޔާރުކުރަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބެއްލެވުމުގެ ދަށުން ކަމަށާއި، މަސައްކަތް ނިމުމުން އެ ޕްލޭން އިޢުލާންކުރައްވާނީވެސް ރައީސް ޓްރަމްޕް ކަމަށެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙަ ޤައިމުކުރުމުގެ ނަމުގައި އެމެރިކާ އިސްވެ އޮވެގެން ޕްލޭނެއް އެކުލަވާލަމުން ގެންދާކަމުގެ މަޢުލޫމާތު ލިބެމުންދާތާ ދެ މަހެއްހާ ދުވަސްވެފައިވާއިރު، އެ ޕްލޭންގައި ހިމެނޭ ބައިތަކާބެހޭ ގިނަ މަޢުލޫމާތުތަކެއްވެސް ލިބިފައިވެއެވެ.

ޓްރަމްޕްގެ ބެއްލެވުމުގެ ދަށުން އެ ޕްލޭން ތައްޔާރުކުރުމުގައި އިސްކޮށް އުޅުއްވަނީ ޓްރަމްޕްގެ މުސްތަޝާރެއްކަމަށްވާ އޭނާގެ ދަނބިދަރިކަލުން ޖަރެޑް ކުޝްނަރއެވެ.

ޓްރްމްޕް ގެ ސުލްހައިގެ ޕްލޭން ބިނާކޮށްފައިވަނީ ގުދުސަކީ އެ ސިޓީއާމެދު މިހާރު ވަކިގޮތެއް ނިންމައި އިސްރާއީލުގެ ވެރިރަށްކަމަށް އެމެރިކާ ބަލައިގެންފައިވާ ސިޓީއެއް ކަމަށް ނިންމައިގެންނެވެ.

އެހެންކަމުން އެޕްލޭންގައި އިސްރާއީލާއި ފަލަސްތީނުގެ އަރާރުމުގައި ގުދުސު ހިމަނާފައެއް ނުވެއެވެ.

ފަލަސްތީނުންވަނީ ގުދްސާއި ރެފިއުޖީންގެ މައްސަލަ ނުހިމެނޭގޮތަށް އެކުލަވާލާ ސުލްޙައިގެ ޕްލޭނެއް ބަލައިނުގަންނާނެކަން ހާމަކޮށްފައެވެ.

އަދި އެމެރިކާ އިސްވެ އޮވެގެން ބާއްވާ ސުލްހައިގެ ވާހަކަތަކެއްގައިވެސް ބައިވެރިނުވާނެކަން ފަލަސްތީނުންވަނީ ހާމަކޮށްފައި. އެމެރިކާގެ ޚާރިޖީ ވަޒީރު ޓިލަރސަން ވިދާޅުވީ، ޓްރަމްޕްގެ ސުލްހައިގެ ޕްލޭން އިސްރާއީލުގެ އިތުރުން ފަލަސްތީނާއި ޢަރަބިންވެސް ގަބޫލުކުރާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެ ޕްލޭންގެ މައިގަނޑު ބައިތައް އޭނާ ބައްލަވާލައްވައި، އޭނާގެ ޚިޔާލުވެސް ދެއްވާފައިވާކަމަށް ޓިލަސަން ވިދާޅުވިއެވެ.

ޓްރަމްޕާއި އޭނާގެ ޓީމުގެ ބޭނުމަކީ ޤުދުސާއި ފަލަސްތީނުގެ އެހެން ބިންތަކާއި ރެފިއުޖީންގެ ޙައްޤުތައް ނިގުޅައިގަތުން ކަމަށް ބެލެވޭއިރު ފަލަސްތީނުގެ ރައްޔިތުން އެ ޕްލޭން ގަބޫލުނުކޮށްފިނަމަ އެކަން ތަންފީޒުކުރެވޭނެ ގޮތެއް ނޯންނާނެކަމަށް ތަޖުރިބާކާރުން ދެކެއެވެ.