ޚަބަރު

މުޙުތާޒާއި، ޤާޒީ ނިހާނަކީ ސިޔާސީ ކުށްވެރިންނެއް ނޫން- ރައީސް


ކުރީގެ ޕްރޮސިކިއުޓަރ ޖެނަރަލް މުޚްތާޒް މުޙްސިންއާއި، ޤާޒީ ނިހާންއަކީ ސިޔާސީ ކުށްވެރިން ނޫންކަމަށާ، އެއީ އަދާކުރައްވަމުންގެންދިޔަ ވަޒީފާގެ މަސްޢޫލިއްޔަތަށް ބެލުމެއްނެތި ޤައުމަށް ޢައްދާރުވި ބައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ޕީ.ޕީ.އެމް ރުމާލު ދޭއް ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ޕްރޮސިކިއުޓަރ ޖެނަރަލާއި، ކޯޓްތަކުގެ ޤާޒީންނަށް ތިއްބަވާ ބޭފުޅުންނަކީ އެއްވެސް ގޮތަކުން ސިޔާސީ ބައެއްގެ ގޮތުގައި ގަބޫލުނުކުރެވޭކަމަށެވެ. މުޚްތާޒާއި ނިހާނަކީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރަންޖެހޭ ވަރަށް މިނިވަން ދެބޭފުޅުންނަށް ވާންޖެހުނު ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ޞައްޚަނޫން އަމުރެއް ނެރުއްވައި، ރައީސުލްޖުމްހޫރިއްޔާ ކޯޓަށް ހާޒިރުކުރުމެއްނެތި ހައްޔަރުކުރުމަށް އަމުރެއް ނެރުމަކީ ދިވެހި ރައްޔިތުންވެސް ކަންބޮޑުވާންޖެހޭކަމެއްކަަމަށެވެ. މިފަދަ ބަޔެއްގެ މައްސަލަތައް ސާބިތުވެ ކޯޓުތަކުން ޙުކުމް އިއްވުމުން އެމީހުންނަކީ ސިޔާސީ ކުށްވެރިންކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ލިޔުއްވުމަކީ، ރަށްޔިތުންނަށް ކިހާވަރެއްގެ ކަމެއް ވިސްނައިދިނުމަށް ކުރި ކަމެއްތޯ ސުވާލު އުދެފޭކަމަށް ރައީސް ވިދާޅުވިއެވެ.

ޤާޒީއެއްގެ ގޮތުގައި ހުރެގެން ނިހާން ނެރުނު އަމުރަކީ އެކަމާއި ގުޅިގެން ފުލުހުންގެ މުއައްސަސާއިން އެކަމުގެ ދައުވާ އުފުލައިފިނަމަ އޭނާ އަކީ ދުވަހަކުވެސް އަދުލުޤާއިމްކުރުމާއި ކައިރިއަށްވެސް އާދެވޭނެމީހެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ނިޒާމުގައި އުޅޭ މައްސަލައެއް ނޫންކަމަށާއި، މިފަދަ މީހުންނަކީ ޒިންމާތައް ހަވާލުކުރުމުން އަމާނަތްތެރިކަމެއް ނެތި އަޚްލާގީ މައްސަލަތައް ފެންމަތިވާ މީހުންކަމަށެވެ. އަދި ސްޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުންވެސް ހާމަވެގެން ދިޔައީ އެފަދަ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒުމުހުސިން 17 އަހަރަށް ޖަލަށްލުމަށް ކުރިމިނަލްކޯޓުން  ހުކުމްކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާއަބުދުﷲ ޔާމީން ހައްޔަރުކުރެއްވުމަށް ސައްހަނޫން ކޯޓް އަމުރެއްނެރުނު މައްސަލާގައެވެ. މިމައްސަލައިގައި މުހުތާޒުގެ މައްޗަށް ކޯޓުން ހުކުމް ކުރައްވާފައިވަނީ، ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލާގައި ކުރިމިނަލްކޯޓުން އިއްވެވި ހުކުމުގައިވަނީ ކޯޓު އަމުރެއްކަން ދައްކުވައިދޭ ލިޔުމެއް ތައްޔާރުކުރުމުގައި މުހުތާޒު މުހުސިން ބައިވެރިވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ގަދަކަމުން ފޮރުވާ ރަހީނުކޮށް ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށްކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ދައުލަތަށް ނޭދެވޭ ނުފޫޒު ފޯރުވުމަށްކަމަށްވެސް ޙުކުމްގައިވެއެވެ.

އދ. މާމިނގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙްމަދު ނިހާންގެ މައްޗަށް ކްރިމިނަލް ކޯޓުން 17 އަހަރަށް ޖަލު ޙުކުމެއް އިއްވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރެއްވުމަށް ޞައްޙަނޫން ކޯޓް އަމުރެއް ނެރުނު މައްސަލާގައި ޓެރަރިޒަމް ޢަމަލެއް ހިންގަން އުޅުމުގެ ކުށުގެ ދަޢުވާއާއި ޓެރަރިޒަމް ޢަމަލެއްގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުވުމާ ގުޅިގެންނެވެ.