ޚަބަރު

މި ސަރަހައްދުން ޓީބީ ނައްތާލާ ފުރަތަމަ ޤައުމަށް ރާއްޖެ


ރާއްޖެއިން ޓީބީ ނައްތާލުމަށް އެކުލާވާލާފައިވާ ޤައުމީ ޕްލޭން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އިފްތިތާހްކޮށްދެއްވައިފިއެވެ. ދިވެހި ރާއްޖެއަކީ މި ސަރަހައްދުގައި ޓީބީ ނައްތާލެވިފައިވާ ފުރަތަމަ ޤައުމަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ޓީބީ ނައްތާލުމުގެ ޤައުމީ ކެމްޕެއިން މިއަދު ވަނީ ފަށާފައެވެ. ދިވެހިރާއްޖެއަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޓީބީ ނައްތާލާ ޤައުމަށް ހެދުމަށް ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭން ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ. ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖެއިން ޓީބީ ނައްތާލުމަށް ކަނޑައަޅާ އެކުލަވާލި ޤައުމީ ޕްލޭންގައި މި ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރާނެ މުހިންމު މަސައްކަތަކާއި ލަނޑުދަނޑިތައްވަނީ ހިމަނާފައެވެ.

1960 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި ޓީބީ ކޮންޓްރޯލް ކުރުމަށް އެކި ފެންވަރުގައި ތަފާތު މަސައްކަތްތަކެއް ސިއްޚީ ދާއިރާއިން ކޮށްފައިވާއިރު މިއަދު ރާއްޖެ ހިމެެނީ ސަރަހައްދުގައި ޓީބީ ކޮންޓްރޯލް ކުރުމުގެ ބައިނަލްއަޤްވާމީ ލަނޑުދަނޑިތައް ހާސިލްކުރި ފުރަތަމަޤައުމުގެ ގޮތުގައެވެ. ނުރައްކާތެރި ބަލިތަކުގެ ތެރޭގައި ހިމެނޭ ޓީބީ ނައްތާލުމަށް ފެށި ޤައުމީ ކެމްޕެއިންގެ ދަށުން ދެން އެންމެ ބޮޑު އިސްކަމެއް ދޭނީ 2022ގެ ކުރިން ރާއްޖެއަކީ މި ސަރަހައްދުން ޓީބީ ނައްތާލެވިފައިވާ ފުރަތަމަ ޤައުމަށް ހެދުމަށެވެ. 

ރާއްޖެއިން ޓީބީ ނައްތާލުމަށް އެކުލާވާލާފައިވާ ޤައުމީ ޕްލޭން އިފްތިތާހުކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ދުޅަހެޔޮ ސިއްޙީ ނިޒާމެއް ޤާޢިމްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މުހިންމު މަސައްކަތްޕުޅުގެ ދަށުން ރާއްޖެއިން ޓީ.ބީ ނައްތާލަން މަސައްކަތް ފެށުމަކީވެސް ތާރީޚީ އަދި މުހިއްމު މަސައްކަތްތަކެއްކަމަށެވެ. ދުނިޔެއިން ޓީ.ބީ ނައްތާލުމަށް ޑަބްލިއު.އެޗް.އޯއިން ފަށާފައިވާ މަސައްކަތުގައި ޤައުމުތަކުގެ ވެރިންގެ ތެރެއިން އެ އަޑު އައްސަވައި ޓީބީ ނައްތާލުމަށް އެންމެ ފުރަތަމަ އިސްނެންގެވި ވެރިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހިމެނިވަޑައިގަންނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/15186857835212.jpg|ރާއްޖެއިން ޓީބީ ނައްތާލުމަށް އެކުލާވާލާފައިވާ ޤައުމީ ޕްލޭން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ ޕީއެސްއެމް

ރާއްޖެއިން ތަފާތު ބަލިތައް ނައްތާލުމަށް ޒަމާނުއްސުރެ ސިއްޚީ ދާއިރާއިން ބުރަ މަސައްކަތްތަކެއް ކޮށްދީފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ މިފަދަ ބަލިތައް ނައްތާލުމުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ޤަބޫލުކުރާ ފެންވަރަށް ކަންކަން ކުރުމާއި އިންތިޒާމުތައް ހަމަޖެއްސުމަށް ރާއްޖޭގެ ސިއްޚީ ނިޒާމަށް ގިނަ ގުނަ ބަދަލުތަކެއް އަދުގެ ސަރުކާރުން ގެނެސްފައިވާކަމަށެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖެއިން ގިނަ ބަލިތަކެއް ނައްތާލެވިފައިވާކަން މިނިސްޓަރ ނާޒިމް ވަނީ ފާހަގަކުރައްވާފައިވެއެވެ.

"2015 ވަނަ އަހަރު ދިވެހިރާއްޖެއަކީ މެލޭރިއާ ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ފާހަގަކޮށްފައިވޭ. 2016 ވަނަ އަހަރު ރާއްޖެއަކީ ވަނީ ފައިލޭރިއާ ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި އަދި 2017 ވަނަ އަހަރު ވަނީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ދަރަޖަ ލިބިފައިވޭ. 2018 ވަނަ އަހަރު މިފާހަގަކުރަނީ މައިންގެ ކިބައިން ދަރިންނަށް ޖެހޭ އެޗް.އައި.ވީ ނައްތާލުމުގެ މަސައްކަތް ސިއްޙީ ޓީމުތަކުން އަތޮޅުތަކުގައިދަނީ ކުރަމުން. މިއަދު މި އިފްތިތާހް ކުރެވުނު ޓީބީ ނައްތާލުމުގެ މަސައްކަތަކީ ވަރަށްވެސް ޗެލެންޖިންގ، އެހެން ނަމަވެސް ވަރަށް މުހިއްމުކަން ބޮޑު މަސައްކަތެއް" މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑަބްލިއު.އެޗް.އޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރްވިންދް މާތުރް ވިދާޅުވީ، އިންސާނުންގެ ފުރާނައަށް ނުރައްކާ ތަފާތު ބަލިތަކާއި ގައިން ގަޔަން އަރާބަލިތައް ކޮންޓްރޯންކުރުމުގައި އަދި ބައެއް ބަލިތައް ނައްތާލުމުގައި ރާއްޖެއިން ދައްކަމުންދަނީ ލާމަސީލު ނަމޫނާއެއްކަމަށް. އެގޮތުން ޒުވާން އުމުރުގެ މީހުންނަށް ޖެހޭ ނުރައްކާތރި ބައްޔެއްކަމަށްވާ ޓީބީ ކޮންޓްރޯލްކުރުމަށް އެންމެ ފުރަތަމަ ހަރުދަނާ މަސައްކަތްތަކެއް ކުރާ ޤައުމަކަށް ރާއްޖެ ވެފައިވާކަން މާތުރް ފާހަގަކުރެއްވި. އަދި ރާއްޖެއިން ކުރާ މިފަދަ މުހިންމު މަސައްކަތްތަކަށް އެ އިދާރާގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެކަމަށް އަރްވިންދް މާތުރް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/15186858832312.jpg|ރާއްޖެއިން ޓީބީ ނައްތާލުމަށް އެކުލާވާލާފައިވާ ޤައުމީ ޕްލޭން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ ޕީއެސްއެމް

ތަފާސް ހިސާބުތައް ދައްކާގޮތުން 2016 ވަނަ އަހަރު ދުނިޔޭގެ 10 މިލިޔަނަށްވުރެ މީހުންނަށް ޓީބީ ޖެހިފއިވާއިރު މީގެ ތެރެއިން 1.7 މިލިޔަން މީހުން މިބަލީގައި ވަނީ ދުނިޔެ ދޫކޮށްފައެވެ. މިބަލި ކޮންޓްރޯލްކޮށް ބަލިޖެހޭ މީހުން މަދުކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިއު އެޗް.އޯއިން ފަށާފައިވާ މަސައްކަތުން ވޭތުވެދިޔަ ސޯޅަ ވަރަކަށް އަހަރުގެ ތެރޭގައި ތަފާތު ކާމިޔާބީތައް ވަނީ ހާސިލްކޮށްފައެވެ. އެގޮތުން ޓީބީ ޖެހިފައިވާ 53 މިލިއަން މީހުންގެ ފުރާނަ ސަލާމަތް ކޮށްފައިވާކަށް ޑަބްލިއު.އެޗް.އޯއިން ބުނެއެވެ.