ޚަބަރު

ކަރަންޓު ކެނޑުނު ހިސާބުތަކަށް މިހާރު ކަރެންޓް ލިބޭނެ : ސްޓެލްކޯ


ސްޓެލްކޯއިން ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ ސަބްސްޓޭޝަން ފޮއްޓެއްގައި ރޯކޮށްލުމާއި ގުޅިގެން މާލެއިން ކަރަންޓު ކެނޑުނު ހިސާބުތަކަށް އަލުން ކަރަންޓުދޭން ފަށާފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. 

މިއަދު ފަތިހު 04:30ގައި   ހިނގި މިހާދިސާގެ ސަބަބުން ގަލޮޅުގެ ބައެއް ޞަރަޙައްދުތަކުން ކަރަންޓް ކެނޑިފައިވެއެވެ. އަލިފާން ރޯކޮށްލާފައިވަނީ ފާށަނާކިލެގެފާނު މަގުގައި ހުންނަ ސްޓެލްކޯގެ އިލެކްޓްރިކް ސަބް ސްޓޭޝަނެއްގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައެވެ. ސްޓެލްކޯއިން ބުނީ މީ ގަސްތުގައި ބަޔަކުކޮށް ހިންގާފައިވާ ޢަމަލެއްކަމަށް ބެލެވޭކަމަށެވެ. މިޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. އެހެންނަމަވެސް އެސްޓޭޝަނުގެ އެއް ޑިސްޓިރިބިއުޝަން ފޮށި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. މިޙާދިސާގައި އަނދާފައި ވަނީ މާލޭގެ ހަތް ޒޯނަކަށް ކަރަންޓް ދޭ ޑިސްޓްރިބިއުޝަން ފޮށްޓެއްގައިކަމަށް ސްޓެލްކޯއިން ބުނެއެވެ. 

ސްޓެލްކޯއިން ބުނީ ސަބްސްޓޭޝަން ފޮށްޓަށް ލިބިފައިވާ ގެއްލުން ބަލަމުންދާކަމަށާއި، އެ ފޮށި މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި މިކަމުގެ ސަބަބުން މާލެއިން ކަރަންޓު ކެނޑުނު ޞަރަޙައްދުތަކަށް މިހާރު އަލުން ކަރަންޓް ދޭން ފަށާފައިވާކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

މި މައްސަލާގައި ދެމީހަކު ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ލިބެއެވެ. މިޙާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސުން މިހާރު ދަނީ ތަޙުޤީގު ކުރަމުންނެވެ.