ތަރައްްޤީ

އާ ލިންކްރޯޑާއެކު ހުޅުމާލޭގެ ބައެއް މަގުތަކަށް ބަދަލު ގެންނަނީ


ހުޅުލެއާއި ހުޅުމާލޭގައި ދެމެދު ތަރައްޤީކުރާ ލިންކް ރޯޑާއެކު، ހުޅުމާލޭގެ ބައެއް މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެއުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ބުނެފިއެވެ. 

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއެކު، ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑް ތަރައްޤީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި އަންނަނީ ކުރަމުންނެވެ. އަދި ބްރިޖް ނިމެންވާއިރަށް ލިންކް ރޯޑްގެ މަސައްކަތް ނިންމާ، ބޭނުންކުރަން ފެށުމަކީ އަމާޒެއްކަމަށް އެޗް.ޑީ.ސީއިން ބުނެއެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއެކު މާލެ ހުޅުލެ އަދި ހުޅުމާލޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމް އެއް ވިއުގަރއަކުން ގުޅާލުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން ބްރިޖްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، ބްރިޖް މެދުވެރިކޮށް މާލެއިން ހުޅުލެއަށް ފަސޭހައިން ދަތުރު ފަތުރުކުރުމުގެ އިންތިޒާމް އެއަރޕޯޓުގައި ހަމަޖެއްސެމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ހަމައެއާއެކު ހުޅުލެއާއި ހުޅުމާލެއާއި ދެމެދު އެއްގަމު ދަތުރުފަތުރުކުރުމަށްޓަކާ ޙާއްސަ ލިންކް ރޯޑެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ. 370 މިލިއަން ރުފިޔާ ޙަރަދުކޮށްގެން ތަރައްޤީކުރާ މި ލިންކް ރޯޑްގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ހުނާން ކޮންސްޓްރަކްޝަން އިންޖިނިއަރިން ގްރޫޕާއެވެ. 

މި ލިންކް ރޯޑެއް ތަރައްޤީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މާލެއާއި ހުޅުލެއާ ދެމެދު ބްރިޖު އެޅުމުން، ބްރިޖުގެ ޓްރެފިކް ފްލޯ ބްލޮކް ވިޔަނުދީ، ހުޅުލެއަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން، ހުޅުމާލެއަށް ދާން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. ދިގުމިނުގައި 4 ކިލޯމީޓަރު ހުންނަ މި ލިންކް ރޯޑަކީ ބައިންލްއަޤްވާމީ މިންގަނޑުތަކަށް ފެތޭނޭހެން 4 ލޭނަށް ފަރުމާކޮށްފައިވާ މަގެކެވެ. ލިންކް ރޯޑަށް ބޭނުންވާ ބިން ހިއްކާނިމި، ޝޯ ޕްރޮޓެކްޝަންގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި ލިންކް ރޯޑަށް ބޭނުންވާ ތާރުއެޅުމަށްޓަކާ، ފަސްގަނޑު ލެވެލްކޮށް ޕޭވްމަންޓްތަކުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، އަލަށް ތަރައްޤީކުރާ ލިންކް ރޯޑް ޑިޒައިންކޮށްފައިވަނީ އެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް އަސަރު ނުކުރާނެ ފަދަ ގޮތަކަށް ވަރަށް ބޮޑަށް ވިސްނައިގެންކަމަށެވެ. އަދި ލިންކް ރޯޑް ހިމެނޭ ސަރަޙައްދަކީ ކުރިއަށް އޮތްތާނގައި ސީ ޕްލޭންގެ އުނދުހުންތައް ކުރިއަށްދާނެ ސަރަޙައްދުކަމުން، ސީ ޕްލޭންގެ ވޯޓަރވޭއަށް ބޭނުންވާ ވަރަށް އެ ސަރަޙައްދު ފުން ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް ސައިމަން ވިދާޅުވިއެވެ.

"މި ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް އަސަރު ނުކުރާނެގޮތުގެ މަތިން ފަރުމަތިން ވަރަށް ބޮޑު ސަރަޙައްދެއް ހިއްކައިގެން މި ލިންކް ރޯޑް މި ހަދަނީ. އެއަރޕޯޓާއި ހުޅުމާލެއާއި ދެމެދު މިއޮތް މަގު މި ހަދާ ސަރަޙައްދަކީ މި ޕްރޮޖެކްޓް ނިމިގެން އަންނައިރު، ސީޕްލޭންގެ ވޯޓަރވޭއާއި، ސީޕްލޭންތައް ޖެއްސުމާއި، ނައްޓާލުމުގެ ހުރިހާ އޮޕަރޭޝަންތަކެއް ހިނގާނެ ސަރަޙައްދު. އެހެންކަމުން މި މަގު އޮތް ސަރަޙައްދަކީ ކުރިއަށްއޮތްތާނގައި ކޮނެފައި، ފުންކުރާނެ އޭރިއާއެއް" ސައިމަން ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/15186795719276.jpg|މާލެ ހުޅުމާލެ ލިންކް ރޯޑްގެ މަސައްކަތް ކުރިޔަށްދަނީ / ފޮޓޯ ޕީއެސްއެމް ސައިމަން ވިދާޅުވީ، ހުޅުލެއާއި ހުޅުމާލެއާއި ދެމެދު ތަރައްޤީކުރާ ލިންކް ރޯޑާއެކު ހުޅުމާލޭގެ ބައެއް މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެއުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށެވެ. އެގޮތުން ލިންކް ރޯޑާއިންވެގެން ހުރި ބައެއް 2 ލޭން މަގުތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސައިމަން ވިދާޅުވިއެވެ. އަދި އަމާޒަކީ ބްރިޖްގެ މަސައްކަތް ނިމެންވާއިރަށް ލިންކް ރޯޑް ބޭނުންކުރަން ފެށުންކަމަށްވެސް ސައިމަން ވިދާޅުވިއެވެ."މިއާއެކު ހުޅުމާލޭގައި ލިންކް ރޯޑާއި ގުޅުންހުރި ބައެއް 2 ލޭން މަގުތައް، ޓްރެފިކްގެ ސަބަބުން ކޮންމެހެން ބަދަލު ގެންނަންޖެހޭ މަގުތައް ފުޅާކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން. އަޅުގަނޑުމެންގެ ޔަޤީންކަން އެބައޮތް ބްރިޖް ނިމުމުގެ ކުރިން މިމަގުގެ މަސައްކަތް ނިންމާފައި، ބްރިޖާއެކު ރައްޔިތުންނަށް ހުޅުމާލެއާއި، މާލެއާއި އަދި އެއަރޕޯޓާއި ގުޅިލާމެހިފައިވާ މަގުތަކެއްގެ ގޮތުގައި މި ލިންކް ރޯޑްވެސް އިންޓަރނޭޝަނަލީ ބެސްޓް ޕްރެކްޓިސްގެ ތެރެއިން އޮޕަރޭޓްކުރެވޭ މަގެއްގެގޮތުގައި ބޭނުން ހިފޭނެކަމާމެދު" އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވިއެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއެކު މި ސަރަޙައްދުގެ ދަތުރުފަތުރުގެ ނެޓްވޯކަށް ގެންނަންޖެހޭ ބަދަލުތައް ގެނެއުމުގެ މަސައްކަތް ސަރުކާރުގެ ކަމާގުޅުންހުރި ވުޒާރާތަކާއި، ކުންފުނިތައް ގުޅިގެން އަންނަނީ ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބްރިޖްގެ މަސައްކަތް އެއްކޮށް ނިންމާ އާއްމުންނަށް ބޭނުންކުރަން ހުޅުވާލުމެވެ.