ޚަބަރު

ޓްރީޓޮޕް މިމަހު ހުޅުވާ ހިދުމަތްދޭން ފަށަނީ


މިމަސް ނިމުމުގެ ކުރިން ޓްރީޓޮޕް ހޮސްޕިޓަލުން ޚިދުމަތްދޭން ފަށާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ހުޅުމާލޭގައި އަލަށް ޢިމާރާތްކުރާ ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ޤާއިމުކުރާ މަލްޓި ސްޕެޝަލިސްޓް ފުރަތަމަ ހޮސްޕިޓަލެވެ. ޓާރޝަރީ ފެންވަރުގައި ތަރައްޤީކުރާ 159 އެނދުގެ މި ހޮސްޕިޓަލް އިމާރާތް ކުރުމަށް ގާތްގަނޑަކަށް 80 މިލިއަނަށްވުރެ ގިނަ ޑޮލަރު ޚަރަދުވާނެ ކަމަށް ޓްރީ ޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ. ޓްރީޓޮޕް ހޮސްޕޓަލުން ކެންސަރުބަލީގެ ބޭސް ފަރުވާއާއި ސަރޖަރީގެ ޙިދުމަތާއި، ކިޑްނީ ބަލިތަކާއި، އަޑުއިވުމާއި ފެނުމުގެ މައްސަލަތަކުގެ ފަރުވާ ލިބޭނެއެވެ. މީގެއިތުރުން ކުޑަކުދިންނާއި، އަންހެނުންގެ ޚާއްސަ ބަލިތަކާއި، ރިހެބިލިޓޭޝަންގެ ފަރުވާވެސް ހިމެނެއެވެ. ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ނަން މަޝްހޫރު ހޮސްޕިޓަލްތައް ހިންގަމުން އަންނަ މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ ރެމްސޭ ސިމް ޑާރބީއާއާއި ހަވާލުކޮށްގެން ހިންގާ 200 އެނދުގެ ޓްރީޓޮޕް ހޮސްޕިޓަލްގެ މަސައްކަތްތައް ނިންމާ މިހާރު އަންނަނީ ހުޅުވަން ތައްޔާރުވަމުންނެވެ. 

img:http://s2.psmnews.mv/images/660x400/15186059598607.JPG|ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕް ހޮސްޕިޓަލްގެ މަސައްކަތް ހިންގާ ގޮތް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލްގެ ޚިދުމަތް ފެށުމަށް ދޭންޖެހޭ ހުއްދަތަކާއި، ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުން ރަޖިސްޓްރީކުރުމުގެ ކަންކަންވެސް މިހާރު ނިމިފައިވާކަަމަށެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަށް ދިނުމަށް ކުރަންޖެހޭ މަޝްވަރާތައް މިހާރު ނިމިފައިވާކަމަށާއި ވަކި އުސޫލުތަކެއްގެ ދަށުން އެކި ޚިދުމަތްތަކުން އެކި ރޭޓްތަކުގައި އާސަންދަ ލިބޭނެކަމަށްވެސް ހެލްތް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

"އާސަންދައިގެ މަޝްވަރާތައްމިހާރުވަނީ ނިމިފައި. އަދި ހޮސްޕިޓަލްގެ ޚިދުމަތް ފެށުމަށް ބޭނުންވާ ލައިސަންސްތައްވެސްވަނީ ދޫކޮށް ނިމިފައި. މި ހޮސްޕިޓަލްގެ ސަބަބުން ރާއްޖެއިން ބޭރުން ޚިދުމަތް ހޯދަންކުރާ ހޭދަ ކުޑަވެ ރާއްޖޭގެ އިޤްތިސާދަށް ފައިދާ ކުރާނެ. އަދި މީގެ އިތުރުން އެހެން ހޮސްޕިޓަލްތަކަށް ތޮއްޖެހުން ކުޑަވެ ޚިދުމަތް އަވަސްވެގެންދާނެ " ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/15186063174816.JPG|ޓްރީޓޮޕް ހޮސްޕިޓަލަށް ހެލްތް މިނިސްޓަރ ކުރެއްވި ޒިޔާރަތުގެ ތެރެއިން / ފޮޓޯ ޕީއެސްއެމް

ޓްރީޓޮޕްގެ ސީއީއޯ ގްރާންޓް މަޑްްލް ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ހޮސްޕިޓަލް ހުޅުވާ ބަލި މީހުނަށް ފަރުވާދޭން ފަށާނެކަމަށެވެ. ގްރާންޓް ވިދާޅުވީ މި ހޮސްޕިޓަލް ހުޅުވުމާއި އެކު މުޅިން އާ ޚިދުމަތްތަކެއް ރާއްޖެއަށް ތައާރަފުކޮށް އެ ހިދުމަތްތައް ދޭން ފަށާނެކަމަށެވެ. 

" ޓްރީޓޮޕްގެ ސީއީއޯ ގްރާންޓް މަޑްްލް "އަޅުގަނޑުމެން މިތިބީ ވަރަށް އުފަލުން ދިވެހިރާއްޖެއަށް އިތުރު އާޚިދުމަތްތަކަކާއިއެކު މި ހޮސްޕިޓަލް ހުޅުވޭތި. ޓްރީޓޮޕް ހޮސްޕިޓަލްގެ ޚިދުމަތް ކުރިއަށްއޮތް ދެތިން ހަފްތާގެތެރޭގައި ފަށާނެ " ޓްރީޓޮޕްގެ ސީއީއޯ ގްރާންޓް މަޑްްލް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/15186060685581.JPG|ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކެޓް ލެބާއި، ކީމޯ ތެރަޕީއާއި، ސީޓީ ސްކޭނާއި، އެމްއާރްއައިގެ ޚިދުމަތް ދިނުމަށް މިހާރުވެސް ތައްޔާރުވެ ނިމިފައިވާ ކަަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. ޓްރީޓޮޕްގެ ހިންގުން ހަވާލުކޮށްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހޮސްޕިޓަލްތައް ހިންގަމުން އަންނަ ކުންފުންޏެއްކަމަށްވާ ރެމްސޭ ސިން ޑަރބީއާއެވެ.