ކުޅިވަރު

ސިޓީ ކްއާޓަރ ފައިނަލާ ގާތަށް


ޗެމްޕިއަންސްލީގު ކްއާޓަރ ފައިނަލުގެ ޖާގައަކާ ކައިރިއަށް މެންޗެސްޓަރ ސިޓީ ޖެހިލައިފިއެވެ.

 ސިޓީ ކްއާޓަރ ފައިނަލުގެ ޖާގައަކާ ކައިރިއަށް ޖެހިލީ ގަދަ ސޯޅަ ޓީމް ވާދަކުރާ ބުރުގެ ފުރަތަމަ ލެގުގައި ރޭ ރަށުން ބޭރުގައި ބަސެލްގެ މައްޗަށް 4-0 ން ކުރި ހޯދައިގެންނެވެ. ސްވިޒަރލެންޑްގެ ބަސެލް ކޮޅަށް ސިޓީން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ޖަރުމަނުގެ ގުންޑޮގާންއެވެ. އަނެއް ދެ ލަނޑު ޖެހީ ބާނާޑޯ ސިލްވާއާއި، އާޖެންޓީނާގެ ސާޖިއޯ އަގުއޭރޯއެވެ. 

ޑޯޓްމަންޑުން ސިޓީއަށް ބަދަލުވެ، އަނިޔާގައި ނުވަ މަސްދުވަހު ހޭދަކުރުމަށްފަހު ކުޅުމުގެ ތެރެއަށް އައި ގުންޑޮގާންއާ ގުޅޭގޮތުން މެޗަށްފަހު ކޯޗު ޕެޕް ގާޑިއޯލާ ބުނީ އެއީ އާދަޔާ ޙިލާފް ތަފާތު މޮޅު ކުޅުންތެރިއެއްކަމަށެވެ. އަނިޔާގެ ސަބަބުން މިދިޔަ ސީޒަންގައި އޭނާ ވަރަށް ބޮޑަށް މިސްވި ކަމަށާއި، ހަ މަސް ގެއްލުނު ނަމަވެސް އޭނާ އެނބުރި އައިސްވެސް ފެންވަރު ސާބިތުކޮށްދެމުންދާކަމަށެވެ. 

ނަތީޖާއާ ގުޅޭގޮތުން ޕެޕް ގާޑިއޯލާ ބުނީ މިއީ ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށާއި، ގާތްގަނޑަކަށް ކްއާޓަރ ފައިނަލް ޔަޤީންވެއްޖެކަމަށެވެ. އެކަމަކު ޗެމްޕިއަންސްލީގުގެ ނޮކްއައުޓް މެޗަކީ 180 މިނިޓް ކަމަށާއި، ދެވަނަ ލެގުވެސް ސީރިއަސްކޮށް ނަގާނެކަމަށެވެ. 

" މިއީ ވަރަށް ރަނގަޅު ނަތީޖާއެއް. ގާތްގަނޑަކަށް ކްއާޓަރ ކަށަވަރުވެއްޖެ. އެކަމަކު ޗެމްޕިއަންސްލީގުގެ ކޮންމެ މެޗަކީ 180 މިނިޓް. ދެވަނަ ލެގުވެސް ސީރިއަސްކޮށް ނަގާނަން " ގާޑިއޯލާ ބުންޏެވެ.

ސިޓީއަށް ދެން ފުރުޞަތު ގެއްލޭނީ އަންނަ މަހުގެ ހަތްވަނަ ދުވަހު އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގުން ހަތަރު ލަނޑުގެ ތަފާތުން ބަލިވެގެންނެވެ.