ކުޅިވަރު

ކުޅުންތެރިން ހިމާޔަތް ކޮށްދޭން ޔޫއޭފާއިން ރެފްރީންނަށް ގޮވާލައިފި


ނުރައްކާތެރި ފައުލްތަކުން ކުޅުންތެރިން ސަލާމަތްކޮށްދިނުމަށް އެދި ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން އެ ޖަމާއަތުގެ ރެފްރީންނަށް ގޮވާލައިފިއެވެ.

ޔޫއޭފާގެ ޗީފް ރެފްރީޒް އޮފިސަރ އަދި ދުނިޔޭގެ ކުރީގެ އެއްވަނަ ރެފްރީ ޕިއަރް ލުއިޖީ ކޮލީނާ މިކަމަށް އެދި ގޮވާލީ ކުޅުންތެރިންގެ ސަލާމަތަށް އެދި ކޯޗުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ރޭ ފެށި ޔޫއޭފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ކުރިން ކޮލީނާ ބުނީ ކުޅުންތެރިންގެ ހަޔާތް ނޭނގުމެއްގެ ތެރެއަށް ދިއުމަށް އެޖަމާއަތުން އެއްގޮތަކަށް ވެސް ބޭނުންނުވާ ކަމަށެވެ.

"އަހަރުމެން ބޭނުން ކުޅުންތެރިން ކުޅޭތަން ބަލަން. އެމީހުންގެ ކުޅިވަރުގެ ހަޔާތް ނުރައްކަލުގެ ތެރެއަށް ދާތަން ދެކޭކަށް ޔޫއޭފާއިން ބޭނުމެއްނޫން. ކުޅުންތެރިން ހިމާޔަތް ކުރަންޖެހޭނެ،" ކޮލީނާ ބުންޏެވެ.

އޭނާ ބުނީ ނުރައްކަތެރި ޓެކްލް ކުރާ ކުޅުންތެރިންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި، ކުޅުންތެރިން ވެސް އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށެވެ.

ޔޫއޭފާއިން މި ގޮތަށް ގޮވާލިއިރު ނުރައްކާތެރި ޓެކްލްތަކުގެ މައްސަލާގައި އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވަނީ މެންޗެސްޓާ ސިޓީ އެވެ. އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބައެއް މެޗުތަކުގައި ކުޅުންތެރިންނަށް ނުރައްކާތެރި ޓެކްލްކުރަތީވެ އިނގިރޭސި ލީގުގެ އިސް އޮފިޝަލުންނާ ބައްދަލުކޮށް ޝަކުވާވެސް ކޮށްފައެވެ.