ކުޅިވަރު

އަވޭ މެޗުގައިވެސް ޕީއެސްޖި ދަތުރުކުރާނީ އަމިއްލަ ބަހުގައި


ފްރާންސްގެ ޕީއެސްޖީގެ ކުޅުންތެރިން ދަތުރުކުރާ ބަސް ޗެމްޕިއަންސްލީގު ފުޓްބޯޅަ މުބާރާތުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގެ ދަތުރުތަކަށް ސްޕޭނަށް ގެންގޮސްފިއެވެ.

ރެއާލް މެޑްރިޑުން ހަމަޖައްސާ ބަހުގައި ދަތުރުކުރުމުގެ ބަދަލުގައި ޕީއެސްޖީގެ އަމިއްލަ ބަހުގައި ދަތުރުކުރަން ނިންމީ ތިން ސަބަބަކާހުރެއެވެ. އެއީ ސެކިއުރިޓީ އާއި، ކުޅުންތެރިންނަށް އަމިއްލަ ބަހުގައި ދަތުރުކުރަން ފަސޭހަވާނެތީ އާއި، އެކުލަބަކީ ޔޫރަޕުގެ ބޮޑު ކުލަބެއްކަން ދެއްކުމުގެ ގޮތުންނެވެ.

އެކުލަބުން ބުނީ ކުޅުންތެރިން މަތިންދާބޯޓުގައި މެޑްރިޑުގެ އެއާޕޯޓަށް ފޭބިއިރު ޕީއެސްޖީގެ ބަސް ދެ ޑްރައިވަރުން ޕެރިހުން މެޑްރިޑަށް ދިޔައީ 2600 ކިލޯ މީޓަރުގެ ރާސްތާއެއް ކަޑައތުކޮށްފައި ކަމަށެވެ.

އެއާޕޯޓުން ހޮޓަލަށް އަދި ހޮޓަލުން ކުޅުންތެރިން ޕްރެކްޓިހާއި ސްޓޭޑިއަމަށް ގެންދާނީ ޕީއެސްޖީގެ އަމިއްލަ ބަހުގައެވެ.

"ޕީއެސްޖީ ވަނީ އާއުސްމިނަކަށް ދަތުރުކޮށްފައި. އަހަރުމެންނަކީ މިހާރު ޔޫރަޕުގެ އެހެން ކުލަބުތައް ފަދައިން ބޮޑު ކުލަބެއް. މި ބަހަކީ އަހަރުމެންގެ ނިޝާނެއް. މިއީ ކުލަބުގެ ބައެއް. އަހަރުމެން މި ބަސް އަހަރުމެންނާއެކު ގެނައީ ކުޅުންތެރިންނަށް މި ބަހުގައި ދަތުރުކުރަން ފަސޭހަވާނެތީވެ. ސެކިއުރިޓީގެ ގޮތުން ވެސް މި ބަހުގައި ޔަގީންކަން ބޮޑުވާނެ،" ޕީއެސްޖީން ބުނެފައިވެއެވެ.

ރެއާލް އާއި ޕީއެސްޖީ ކުޅޭ މެޗު ފަށާނީ މިރޭ ދަންވަރު އެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގައެވެ.