ކުޅިވަރު

އެޑްވާންޓޭޖް އޮތީ ޓޮޓެންހަމަށް: ކޯޗު


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ރޭ ޔުވެންޓަސްއާ ވާދަކޮށް 2-2 ން މެޗު އެއްވަރުވުމުން ކުއާޓަރ ފައިނަލަށް ދިއުމަށް އެޑްވާންޓޭޖް އޮތީ ޓޮޓެންހަމަށް ކަމަށް އެ ޓީމުން ބުނެފި އެވެ.

 މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު މައުސީނިއޯ ޕޮޗެޓީނީ ބުނީ އޭނާގެ ޓީމުން ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅުނު ކަމަށާއި، މެޗު އެއްވަރުވުން ހައްޤު ނޫން ކަމަށެވެ.

"ފުޓްބޯޅައިގައި ބައެއް ފަހަރު މޮޅުވެވެނީ ނަސީބުވެސް އެހީތެރިވެގެން. އަހަރުމެން މި މެޗުން މޮޅުވުން ހައްޤު. އެމީހުން ދެ ގޯލު ޖެހި ފަހުން މުޅި މެޗު ޑޮމިނޭޓްކުރީ އަހަރުމެން. ހާއްސަކޮށް ފަހު ހާފުގައި،" ކޯޗު ބުންޏެވެ.

ޔުވެންޓަސްގެ އެލިއާންޒް އެރީނާގައި އެ ޓީމުން ދެ ގޯލު ޖަހާފައިވަނިކޮށް 2011ގެ ފަހުން ފަހަތުން އަރާ މެޗު އެއްވަރުކުރި ހަމައެކަނި ޓީމަކީ ޓޮޓެންހަމެވެ.

ރޭގެ މެޗުގައި ޔުވެންޓަސްއަށް ދެ ޕެނަލްޓީ ލިބުނުއިރު ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ގޮންޒާލޯ ހިގުއައިން ޖެހި ދެ ވަނަ ޕެނަލްޓީ ނާކާމިޔާބުވީ ގޯލް ދަނޑީގައި ޖެހިފަ އެވެ. މެޗުގެ ފުރަތަމަ ލަނޑު އޭނާ ޖެހީ ދެ ވަނަ މިނިޓްގައެވެ. ދެ ވަނަ ލަނޑު ޖެހީ ލިބުނު ފުރަތަމަ ޕެނަލްޓީން 9 ވަނަ މިނިޓްގައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމަށް ލަނޑު ޖަހައިދީ އުއްމީދު އާކޮށްދިނީ މި ސީޒަނުގައި މޮޅަށް ކުޅެމުން އަންނަ ހެރީކޭންއެވެ. އެ ޓީމުން ނަތީޖާ ހަމަހަމަކުރީ 71 ވަނަ މިނިޓްގައި ކްރިސްޓިއަން އެރިކްސަން ޖެހި ގޯލުންނެވެ.