ކުޅިވަރު

ގްރޫޕް ސްޓޭޖްގެ ފުރުޞަތު ޓީސީއަށް ހަނިވެއްޖެ


ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ނުކުރެވި، ބެންގަލޫރު އެފްސީ އަތުން 3-2 ން ބަލިވެ، އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ފުރުސަތު ރާއްޖޭގެ ޓީސީ އަށް ފަނޑުވެއްޖެއެވެ.

އިބްރާހީމް މަހުދީ ގިނަ ފުރުސަތުތަކެއް ނަގާލި މި މެޗުގެ ފުރަތަމަ ދެ ލަނޑު ޖެހީ މުހިންމު ހަތް ކުޅުންތެރިން ނުލައި މާލެ އައި އޭއެފްސީ ކަޕުގެ 2016ގެ ރަނާއަޕް ބެންގަލޫރު އެފްސީންނެވެ.

މެޗުގެ ފުތަރަމަ ލަނޑު ޖެހީ ފަހު ހާފު ފަށައިގެން ހޯކިޕް ސަންބޯއީއެވެ. އޭގެ ތިން މިނިޓް ފަހުން ނެގި ކޯނަރަކުން ބެންގަލޫރުގެ ދެ ވަނަ ލަނޑު ޖެހީ އިނގިރޭސި މިޑްފީލްޑަރު އެރިކް ޕާރްޓަލޫއެވެ.

މި ދެ ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވެ ޓީސީއަށް ފަރަގު ކުޑަކޮށްދިނީ ކިރިގިސްތާނުގެ މިޑްފީލްޑަރު އެނަޓޯލީ ގޯލުގެ މަތީކަނަށް ފޮނުވާލި ބޯޅައިންނެވެ. މިއީ ޓީސީގެ ޖާޒީގައި އޭނާ މިހާތަނަށް ކުޅުނު ތިން މެޗުގައި ޖެހި ފަސް ވަނަ ގޯލެވެ.

ފަހަތުން އަރައި ޓީސީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އިބްރާހީމް މަހުދީއެވެ. އެކަމަކު ސަންބޯއީ ބެންގަލޫރުގެ ތިން ވަނަ ލަނޑު ޖެހި ފަހުން މެޗުން މޮޅުވާން ޓީސީގެ ކުޅުންތެރިންނަށް ލިބުނު ހުސް ހަތަރު ފުރުސަތު ވެސް ވަނީ ބޭނުން ކުރެވޭ ގޮތްނުވެފައެވެ.

މަހުދީ އަށް ލިބުނު ދެ ފުރުސަތާއި، ބަދަލު ކުޅުންތެރިޔާ އއ. މާޅޮހު އިބްރާހީމް އާރިފަށް ހުސްކޮށް ލިބުނު ދެ ފުރުސަތު ވެސް ވަނީ ބޭނުން ނުކުރެވިފައެވެ.

މި ނަތީޖާގެ ސަބަބުން އިންޑިޔާގެ ކަންޓީރަވާ ސްޓޭޑިއަމުގައި އަންނަ ހަފުތާގައި ކުޅޭ މެޗުން ބެންގަލޫރު އެފްސީ ބަލިކޮށްގެންނޫން ގޮތަކަށް ޓީސީ އަށް މުބާރާތުގެ ގްރޫޕް ސްޓޭޖަށް ނުދެވޭނެއެވެ.