ޚަބަރު

ރާއްޖޭގެ ޒާމަނީ ތަރައްޤީގެ ބާނީއަކީ ރައީސް ޔާމީން


ރާއްޖެއަށް މިހާރު އަންނަމުންދާ ޒާމަނީ ތަރައްޤީގެ ބާނީއަކީ ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް ޢިބްރާޙިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "އުންމީދާ ކުރިއެރުން" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވީ، ރައީސް ޔާމީނަކީ ރައްޔިތުންގެ އަޑުއަހާ، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޔާމީނަކީ ޤައުމަށް ދިމާވާ އެންމެ އުނދަގޫ ޙާލަތުގައިވެސް ރައްޔިތުންގެ ޙައްޤުތައް ހޯއްދަވައިދެއްވުމުގައި ވަރުގަދަ ޢަޒުމަކާއެކު ސާބިތުވެ ހުންނަވާ ބޭފުޅެއްކަމަށްވެސް ޠާރިޤް ޢިބްރާޙިމް ވިދާޅުވެއްޖެއެވެ.

"އެމަނިކުފާނު މިހާ އުނދަގުލުންވެސް ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ބޭނުންވާ މުހިންމު ކަންތައްތައް ދަނީ ކޮށްދެއްވަމުން. މުޅި ރާއްޖެއަށްވެސް އަޅުގަނޑު ދަންނަވާނީ އެއްވެސް ޒަމާނެއްގައި ކުރިނާރާ ވަރަށް ހުރިހާ ދާއިރާއަކުން ކުރިއަރައިގެން ގޮސްފަ ވަނީ. އެމަނިކުފާނަކީ މިހާރު އަންނަމުންމިދާ މޮޑަން ސިވިލައިޒޭޝަންގެ ބާނީ،" މިނިސްޓަރ ޠާރިޤް ޢިބްރާޙިމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ވެރިކަން ފެށުނީންސުރެ އިދިކޮޅު ފަރާތްތަކުން ތަފާތު އެކި ސިފައިގައި ދިޔައީ ރައީސް ޔާމިނަށާއި މި ވެރިކަން ވައްޓާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށެވެ. އަދި މިކަންކަމާއި ވަރަށް ސާބިތުކަމާއިއެކު ކުރިމަތިލައްވާ އެ ހުރިހާ ކަމަކުންވެސް ރައީސް ޔާމީން ސަލާމަތްވެވަޑައިގެންފައިވާކަމަށްވެސް މިނިސްޓަރ ޠާރިޤް ފާހަގަކުރެއްވިއެވެ. އެގޮތުން އެމަނިކުފާނު އަވަހާރަކޮށްލަން ލޯންޗުކޮޅަށް ދިން ހަމަލާއާއި، މަޖިލިސް މެދުވެރިކޮށް ވެރިކަން ވައްޓާލަން އުޅުނު އުޅުމާއި، މި މަސްތެރޭގައި ޖުޑިޝަރީ ތެރެއިން ގެންނަން އުޅުނު ބަޤާވާތްވެސް އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ނުވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފުރަތަމަ އަޅުގަނޑު ބަލާލާނީ 2014 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވި "މޭޑޭ ރެލީ"ގައިވެސް އިދިކޮޅު ފަރާތްތަކުން އެފަހަރު ރޭވީ މަގުމަތިން ސަރުކާރު ވައްޓާލަން. އެހެން ނަމަވެސް އެކަންތައްވެސް ފަނުފުލުން ދިޔައީ. މިކަންވެސް މިވީ ރައީސް ޔާމިންގެ ދުރުވިސްނޭ ވިސްނުންފުޅުގެ ސަބަބުން." މިނިސްޓަރ ޠާރިޤް ޢިބްރާޙިމް ވިދާޅުވިއެވެ.

މިނިސްޓަރ ޠާރިޤް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މި ސަރުކާރަށް ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރަމުން ދިޔަނަމަވެސް ރައީސް ޔާމީން ގެންދަވަނީ މީގެކުރިން އެއްވެސް ޒަމާނެއްގައި ދިވެހި ރާއްޖެއަށް ނާންނަފަދަ ތަރައްޤީ ގެންނެވުމުގައި ގިނަ މަސައްކަތް ކުރައްވަމުން ކަމަށެވެ.