ޚަބަރު

ރާއްޖޭގެ މިނިވަންކަން ގެއްލޭނެފަދަ އެއްވެސް ބިރެއް ނެތް -ޑިފެންސް


ދިވެހިރާއްޖެއަށް އިންޑިއާގެ އަސްކަރީ ސިފައިން ނުފޮނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ސަރުކާރަށް ލިބިފައިވާކަމަށާއި، ރާއްޖޭގެ މިނިވަންކަމަށް ހުރަސްއެޅޭފަދަ އެއްވެސް ޙަމަލާއެއް ބޭރު ޤައުމަކުން ކުރިމަތިވެދާނެކަމުގެ އިންޒާރެއް ލިބިފައިނުވާކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝެނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. 

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް އިންޑިއާގެ އަސްކަރީ ސިފައިން ފޮނުވުމަށް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްތީގަތުމެއްގައެވެ. 

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްތީގަތުމެއްގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖެއަށް އިންޑިއާގެ ސިފައިން ފޮނުވުމަށް ނުވަތަ އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ، އަދި އެކަމަށް ހިތްވަރުދީ ބައެއް ފަރާތްތަކުން ވާހަކަދައްކާކަމީ، ހިތާމަކުރާ ކަމެއްކަމަށެވެ. އަދި ސިޔާސީގޮތުން ވަކި މަންފާއެއް ހޯދުމުގެ މަޤްޞަދުގައި ދައްކާ އެފަދަ ވާހަކަތަކަކީ ދިވެހި ސަރުކާރުން އެއްވެސް ޙާލެއްގައި ބަލައިގަންނާނެ ކަންތައްތަކެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދު އުފެދިފައިވާ ގާތްގުޅުމަށް އިޝާރާތްކުރައްވާ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، އިންޑިއާއާއި ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން އަބަދުވެސް އިސްކަންދޭކަމަށާއި، ރާއްޖޭގެ ޙާރިޖީ ސިޔާސަތުތައްވެސް ބައްޓަންކޮށްފައިވަނީ ސަރަޙައްދީ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އިސްކަންދީގެންކަމަށެވެ. އަދި އިންޑިއާއިން ސިފައިން ރާއްޖެއަށް ނުފޮނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ސަރުކާރަށް ލިބިފައިވާކަމަށާއި، އެފަދަ ވާހަކަތަކަކީ އިންޑިއާއި ރާއްޖެއާއި ދެމެދު އޮންނަ ޒަމާންވީ ގުޅުމާމެދު ސުވާލު އުފެއްދުމުގެ ނިޔަތުގައި ދައްކާ ވާހަކަތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ހަމަ ސަތޭކައިން ސަތޭކަ ޔަޤީންކަން އެބައޮތް އިންޑިއާ ސަރުކާރަކުން ދިވެހި ރައްޔިތުންނަށް ދެރަވާނެފަދަ އެއްވެސް ކަމެއް ނުކުރާނެކަމުގެ. ދިވެހިރާއްޖެއިންވެސް ބޭނުންވަނީ އިންޑިއާއާއެކުގައި މަސައްކަތްކުރަން. އަދި ރާއްޖެ މިއޮތް ލޮކޭޝަންގެ ގޮތުންވެސް ރާއްޖެއަކީ މިއަދު ދުނިޔޭގެ ކޮންމެ ޤައުމަކަށްވެސް ވަރަށް މުހިއްމު އަދި މިތަނުގެ ބޭނުންތެރިކަން ވަރަށް ބޮޑު ޤައުމަކަށްވާތީވެ، އަޅުގަނޑުމެން މަސައްކަތް ކުރުމުގައި ރާއްޖޭގެ ސިޔާސަތުތައް ބިނާކޮށްފައި އޮންނާނީވެސް މުޅި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް ރާއްޖެއަކީ މުހިއްމު ޕޮއިންޓެއްކަން ދެނެގެން، އެކަންކަމަށް ވިސްނައިގެން" ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ. 

ޑިފެންސް މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ އެއްވެސް ޢަމަލެއް އިންޑިއާގެ ފަރާތުން ހިންގަފާނެކަމުގެ އިޝާރާތެއް ލިބިފައިނުވާކަމަށެވެ. އަދި އެފަދަ ޢަމަލެއް ހިންގައިފިނަމަ، އެކަމުގެ ގެއްލުމާއި ނޭދެވޭ އަސަރު ޚުދު އިންޑިއާއަށްވެސް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އިންޑިއާ ސަރުކާރަކުން ރާއްޖެއަށް ނިކަމެތިކަމެއް ލިބޭނެފަދަ ޢަމަލެއް ހިންގަފާނެކަމުގެ އިޝާރާތެއް އަޅުގަނޑުމެންނަކަށް ލިބިފައެއްނުވޭ. އެއަށްވުރެ ބޮޑަ ދެ ޤައުމުގެ ގުޅުން ރަނގަޅު. އިންޑިއާގެ ރައްޔިތުންނާއި، ދިވެހި ރައްޔިތުންނަށް އެއަށްވުރެ ބޮޑަ ގުޅުން އެބައޮތް. އެފަދަ ކަމެއްކޮށްފިނަމަ ދިވެހިންގެ މެދުގައި އިންޑިއާގެ ރައްޔިތުންނާއި އޮންނަ އިޚްތިރާމްކުޑަވުން އެއީ އެކަށީގެންވާކަމެއް. އިންޑިއާއިން ރާއްޖެއަށް ލިބެންހުރި އިންވެސްޓްމަންޓްތަކަށް އަސަރުކޮށްފާނެ. އިންޑިއާގެ ވިޔަފާރިވެރިން ރާއްޖެއައުން މަދުވެދާނެ. އާހިރުގައި މިފަދަ ކޮންމެ ކަމެއްގެވެސް ނޭދެވޭ އަސަރު ކުރާނީ ދެޤައުމުގެވެސް އާއްމު ފަރުދުންނަށް. އެހެންކަމުން މިއީ އަޅުގަނޑުމެން ޒިންމާދާރުކަމާއެކު ވިސްނަންޖެހޭ ކަންކަން" ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ. 

ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިންގަމުންދާ ކަންކަމާއި ގުޅިގެން ބައިނަލްއަޤްވާމީ އެއްވެސް ޤާނޫނަކާއި ނުވަތަ ޤަރާރަކާއިވެސް ރާއްޖެއިން ޚިލާފުވެފައިނުވާނެކަމަށެވެ. ދިވެހިރާއްޖޭއަކީ ފުރިހަމަ މިނިވަން ދަޢުލަތެއްކަން ބޭރުގެ ފަރާތްތަކުންވެސް ހަނދާންނައްތާލައިގެން ނުވާނެކަމަށާ، ރާއްޖޭގެ ދާޚިލީ ކަންކަން ޙައްލުކުރުމުގެ ޤާބިލުކަން ދިވެހި ދަޢުލަތަށް ލިބިގެންވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ބޭރުގެ އެއްވެސް ޤައުމެއްގެ އަސްކަރީ އެހީތެރިކަމަކަށް އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން އެދިފައިނުވާކަމަށް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ. ހަމައެހެންމެ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ގެއްލުންވެދާނެފަދަ ކުޑަވެސް ކަމަކަށް ދިވެހި ސަރުކާރުން ފުރުޞަތު ނުދޭނެކަމުގެ ޔަޤީންކަންވެސް ދިވެހި ރައްޔިތުންނަށް ޑިފެންސް މިނިސްޓަރ ދެއްވާފައިވެއެވެ.