ތަޢުލީމު

އައިޑީބީގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި


އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް(އައިޑީބީ)އިން ރާއްޖެއަށް ލިބިފައިވާ މާސްޓަރސް އަދި ޕީއެޗްޑީ ފެންވަރުގެ ކޯސްތަކަށް ކުރިމަތި ލުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ. 

އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް(އައިޑީބީ)އިން ރާއްޖެއަށް ލިބިފައިވާ މާސްޓަރސް އަދި ޕީއެޗްޑީ ފެންވަރުގެ ކޯސްތަކަށް ކުރިމަތި ލުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލާފައިވާއިރު މިދެދާއިރައިން ގާތްގަނޑަކަށް 5 ސްކޮލަރޝިޕްގެ ފުރުސަތު ވަނީ ރާއްޖެއަށް ލިބިފައެވެ. ސްކޮލަރޝިޕްތަކަށް ކުރިމަތިލާއިރު ރާއްޖޭގެ ތަރައްޤީއަށް މުހިއްމު ދާއިރާތަކުން ޕްރޮޕޯސަލް ހުށައެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކުރެއެވެ. 

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ނަޒީރު ވިދާޅުވީ ތަޢުލީމީ ދައިރާއަށް އައިޑީބީގެ އެހީތައް ލިބެންފަށާފައިވާއިރު ފާއިތުވި 4 އަހަރު ސަރުކާރުން ކުރި މަސައްކަތުން އެބޭންކުން ރާއްޖެއަށް ދޭ އެހީތައް ވަރަށްބޮޑަށް އިތުރުވެފައިވާކަމަށެވެ. އަދި ދިވެހި ކުދިން ފެންވަރު ރަނގަޅު ޕްރޮޕޯސަލްތައް ހުށައަޅާކަން ޑރ.ނަޒީރު ވަނީ ފާހަގަކުރައްވާފައެވެ. 

" ރާއްޖެއަށް މިއެހީތައް ލިބެން ފަށިތަ ދުވަސްކޮޅެއްވެއްޖެ. އަދި ވޭތުވެދިޔަ 4 އަހަރު ކުރެވުނު މަސައްކަތުން ވަނީ މިގޮތަށް ލިބޭ އެހީތައް އިތުރުވެފައި. މިދިޔަ ޑިސެމްބަރު މަހު އައިޑީބީގެ ވަފުދެއްވަނީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނާ ބައްދަލުކޮށް ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މުހިއްމު ދާއިރާތައް ފާހަގަކޮށް، ވަކިން ޚާއްސަކޮށް ރިސަރޗް އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއަށް ޚާއްސަކޮށްގެން މާސްޓަރސް އަދި ޕީއެޗްޑީ ސްކޮލަރޝިޕްތައް މިވަނީ އަމާޒުވެފައި." ޑރ.ނަޒީރު ވިދާޅުވިއެވެ.

2018 ވަނަ އަހަރާއި 2019 ވަނަ އަހަރަށް ހުޅުވާލި މިފުރުސަތުތަކުގައި މާސްޓަރސް ފެންވަރުގެ ކޯސްތަކުގައި ކިޔެވުމުގެ ފުރުސަތު ހަމަޖެހިފައިވަނީ އަޑީބީގެ މެމްބަރު ޤައުމުތަކުންނެވެ. އޭގެ ތެރޭގައި މެލޭޝިއާ މޮރޮކޯ ތުރުކީ މިސްރު އަދި ސަޢުދީ ޢަރަބިއްޔާ ފަދަ ޤައުމުތައް ހިމެނެއެވެ. 

އައިޑީބީގެ ޕީއެޗްޑީ ފެންވަރުގެ ކޯސްތަކުގައި ކިޔެވުމުގެ ފުރުސަތު ހަމަޖެހިފައިވަނީ އޯއީސީޑީގެ މެމްބަރު ޤައުމުތަކުންނެވެ. އޭގެ ތެރޭގައި އިގިރޭސިވިލާތް، އެމެރިކާ، ނިއުޒިލެންޑް، ކެނެޑާ، އޮސްޓްރޭލިއާ ޖަޕާން އަދި ޖަރމަނީ ފާހަގަކޮށްލެވެއެވެ. އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް(އައިޑީބީ)އަކީ މެމްބަރު ޤައުމުތަކުގެ ތަރައްޤީއަށްޓަކައި އުފައްދާފައިވާ ބޭންކެކެވެ. އައިޑީބީގެ އިތުރުންވެސް ބޭރުގެ އެކި ފަރާތްތަކުގެ އެހީގައި ގިނަ ޢަދަދެއްގެ ސްކޮލަރޝިޕް ފުރުސަތުތަކެއް ދިވެހި ދަރިވަރުންނަށް ހޯދައިދިނުމަށް ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުންނެވެ.