ޚަބަރު

"ރާއްޖެއާމެދު ގޮތްނިންމުމުގެ ކުރިން ހަޤީގަތް ދެނެގަތުން މުހިއްމު"


ބައިނަލްއަޤްވާމީ ފަރާތްތަކުން ރާއްޖޭގެ ކަންކަމާމެދު ގޮތް ނިންމާ، ބަސްބުނުމުގެ ކުރިން ރާއްޖޭގެ މަސްރަޙުގައި ހިނގަމުންދާ ކަންކަމުގެ ހަޤީޤަތް ދެނެގަތުމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ގޮވާލައްވައިފިއެވެ. 

މިނިސްޓަރ މިކަމަށް ގޮވާލެއްވީ އިންޑިއާގެ އެންޑީ.ޓީވީއަށް ދެއްވި ޚާއްސަ ބަސްތީގަތުމެއްގައެވެ. މި ބަސްތީގަތުމުގައި މިނިސްޓަރ ޑރ.ޝައިނީ ވިދާޅުވީ، ރާއްޖޭގެ މަސްރަހުގައި ހިނގާ ނުރަނގަޅުކަންކަން ހަމަމަގަށް އެޅުވުމުގެ ޤާބިލުކަން ދިވެހި ސަރުކާރަށް ލިބިފައިވާކަމަށެވެ. 

ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހުގައި ހިންގަމުންދާ ކަންކަމާއި ގުޅޭގޮތުން އިންޑިއާގެ އެންޑީ ޓީވީގެ ބިގް ސްޓޯރީ ޕްރޮގްރާމަށް ދެއްވި ޚާއްސަ ބަސްތީގަތުމެއްގައި ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، ރާއްޖޭގައި ކުއްލި ހާލަތު އިޢުލާން ކުރީ ޢާއްމުރައްޔިތުންގެ ފަރުދީ ހައްޤުތައް ނުގެއްލޭނޭހެން، ދަޢުލަތުގެ އިދާރާތައް ހިންގުމަށާއި، ސިޔާސީގޮތުން އުފެދިފައިވާ ހަލަބޮލިކަން ހަމަ މަގަށް އެޅުވުމަށްކަމަށެވެ. ކުއްލި ހަލާތު އިޢުލާން ކުރަން މެދުވެރިވި މައިގަނޑު ސަބަބަކީ، އިދިކޮޅު ފަރާތްތަކުން ގުޅިގެން ރާއްޖޭގެ ޖުޑިޝަރީ ތެރެއިން ބަޣާވާތެއް އުފައްދައި، ސަރުކާރުން ހިންގުން ހުއްޓުމަކަށްގެނެސް، ރާއްޖޭގެ ޤާނޫނީ ވެރިކަން ވައްޓާލާއި، ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ނަގާލުމަށް، ބަޔަކު މަސައްކަތް ކުރުމުންކަމަށް ޑރ. ޝައިނީ ވިދާޅުވިއެވެ. އަދި އެކަންކަމާގުޅޭ ތަޙުޤީޤުތައް ސަލާމަތީ ބާރުތަކުން މިހާރު ފަށާފައިވާއިރު، މިކަމުގެ އަޑީގައި ތިބި ފަރާތްތަކާއި ދެކޮޅަށް ހެކި ލިބިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޑރ.ޝައިނީ ވިދާޅުވީ، ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ޢާއްމު ރައްޔިތުންގެ ދިރިއުޅުމަށް ބުރޫއަރާނެފަދަ އެއްވެސް ޢަމަލެއް މި ސަރުކާރުން ނުހިންގާނެކަމަށެވެ.

ރާއްޖެއާމެދު ބައިނަލްއަޤްވާމީ މައިދާނުގައި ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން، ސަރުކާރުން އިޢުލާންކޮށްފައިވާ އޯލް ޕާޓީ ޓޯކްސްގެ ކޯ-ޗެއަރކަންވެސް ކުރައްވަމުން ގެންދަވާ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވީ، ބައިނަލްއަޤްވާމީ ފަރާތްތަކުން ރާއްޖޭގެ ކަންކަމާމެދު ބަސްބުނެ، ގޮތް ނިންމުމުގެ ކުރިން ރާއްޖޭގެ މަޝްރަޙުގައި ހިނގަމުންދާ ކަންކަމުގެ ހަޤީޤަތް ދެނެގަތުން ވަރަށް މުހިއްމުކަމަށެވެ. އެގޮތުން ސްޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތުދީ، ޤާނޫނީ ވެރިކަން ވައްޓާލުމުގެ ތުހުމަތު ބައެއްގެ މައްޗަށް އުފުލުމަކީ އެއްވެސް ޙާލެއްގައި ސަރުކާރުން އަމިއްލައަށް އުފައްދައިގެން އުޅޭ ކަންތައްތަކެއް ނޫންކަމަށާއި، އެފަރާތްތަކާމެދު އެ ތުހުމަތުތައްކޮށްފައިވަނީ އެކަށީގެންވާ ވަރަށް ހޯދަންޖެހޭ ހެއްކާ ޤަރީނާގެ މައްޗަށް ބިނާކޮށްކަމަށްވެސް ޑރ. ޝައިނީ ވިދާޅުވިއެވެ.

ޑރ. ޝައިނީ ވިދާޅުވީ، ރާއްޖޭގެ ހާލަތާމެދު ބައިނަލްއަޤްވާމީ ފަރާތްތަކުން ފާޅުކުރާ ޝުޢޫރުތަކަށް ދިވެހި ސަރުކާރުން ފުރިހަމައަށް އިޙްތިރާމްކުރާނެކަމަށެވެ. ނަމަވެސް ރާއްޖޭގެ ދާޙިލީ ކަންކަމުގެ ތެރެއަށް އަތްގަދަކޮށް، ނުފޫޒު ފޯރުވުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނޯންނާނެކަމަށެވެ. އަދި ރާއްޖެއަކީވެސް ފުރިހަމަ މިނިވަންކަން ލިބިފައިވާ ޤައުމެއްކަން ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް ޤަބޫލުކުރަންޖެހޭނެކަމަށާއި، ރާއްޖެ ހަމަމަގަށް އެޅުވުމުގެ ޤާބިލުކަން ދިވެހިންނަށް ލިބިފައިވާކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.