ޚަބަރު

އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ އަމާންކަން ނަގާލަން - ސަޢީދު


އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމު މިޤައުމަށް ގެނެސް ދެއްވަމުންދާ ތަރައްޤީ ހުއްޓުވައި، މިޤައުމަކީ ނާމާން ތަނެއްގެ ގޮތުގައި ބާއްވައި އެކަން ބޭރު ދުނިޔެއަށް ދެއްކުމަށްކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

"ޕީއެސްއެމް"ގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، ވެރިކަމުގެ ދަހިވެތިކަމުގައި އިދިކޮޅު ލީޑަރުން ހިންގަމުންގެންދާ ކަންކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އެތައް ގޮތަކުން ގެއްލުން ލިބެމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއިން ފެނިގެންދަނީ ހިތާމަވެރި މަންޒަރުތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ދާދިފަހުން ދިވެހި ދައުލަތާދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގަން އުޅުނީ ކިހާވަރެއްގެ ނުރައްކާތެރި ކަމެއްކަން މިހާރު ތަހްޤީގުތަކުން ހާމަވަމުންދާކަމަށެވެ. އެމަޢުލޫމާތުތަކަށް ބަލާއިރު، އެއީ އަޅުގަނޑުމެންގެ ދީނާއި ޤައުމިއްޔާއި، ޤައުމުގެ އިސްތިޤުލާލު މުޅިން ނެތިކޮށް ފުނޑުފުނޑުކޮށްލާވަރުގެ ކަންތައްތަކެއްކަން ހާމަވާކަމަށެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ގޮތުގައި މިއަދު ހަރަކާތްތެރިވާ ބައެއް ސިޔާސީ ޕާޓީތަކަށް އިޝާރާތްކުރައްވައި މިނިސްޓަރ ސަޢީދު ވިދާޅުވީ، އެޕާޓީތަކަކީ މިއަދު ޒިންމާވާނެ މީހަކުނެތި އެއްވެސް ހަމައެއްލަމައެއްނެތި ހިނގަމުންދާ ޕާޓީތަކެއްކަމަށެވެ. އެޕާޓީތަކުގެ ލިޑަރުންގެ ޢަމަލުފުޅުތައް ހުރީ ޤައުމަށް ބޮޑެތި ގެއްލުމާއި ހަލާކު ލިބޭގޮތަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރ ސަޢީދު ވިދާޅުވީ މި ކުޑަކުޑަ ރާއްޖެ އަޅުވެތި ވިޔަސް އިދިކޮޅުފަރާތްތަކަށް އެކަން މައްސަލައަކަށް ނުވާ މަންޒަރު އެމީހުންގެ މިފަދަ ޢަމަލުތަކުން ފެންނަމުންދާ ކަމަށެވެ. 

"ޤައުމު މިފަދަ ބިރުވެރިކަމެއްގެތެރެއަށް ވައްޓާލިއިރު އެކަމުން އަރައިގަނެވޭނެ ގޮތް އެނގިވަޑައިގަންނަވާ ލީޑަރަކު (މިއަދު ޤައުމުގެ ވެރިކަމުގައި)ހުރިކަން އެއީ ދިވެހި ރައްޔިތުންގެ ނަސީބު. އެއީ މިރާއްޖެއިން މިހާރު ފެންނަމުންމިދާ ތަރައްޤީގެ މޭސްތިރި. އެމަނިކުފާނުގެ ޙިކުމަތު ޢަމަލީގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ގެއްލުމެއް ނުލިބި އަމާންކަންމަތީ (މިއަދު)މިތިބެވެނީ،" މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރު ސަޢީދު ވިދާޅުވީ މިހާރުވެސް ރައީސް ޔާމީން 2018 ކާމިޔާބު ކުރައްވައިފިކަން ކަށަވަރުވާ ކަމަށާއި އަދި އެމަނިކުފާނު މިޤައުމުގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ނަތީޖާ އަންނަން އޮތް ޖީލުތަކަށް ދެމިގެންދާނެކަމަށެވެ. ރައީސް ޔާމީން މިއަދު ޤައުމަށް ގެނެސްދެއްވާފައިވާ ތަރައްޤީއާއި، ގެނެސްދެއްވަމުންދާ ތަރައްޤީގެ މަޝްރޫޢުތަކަކީ ރާއްޖޭގެ ތާރިޚުގައިވެސް ޤައުމުގެ އެހެން ވެރިޔަކު ގެނެސްދެއްވާފައިނުވާ ތަރައްޤީއާއި ކުރިއެރުންތަކެއްކަމީ ފެންނަން އޮތް ހަޤީގަތެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން އިންތިޚާބަކުން ރައީސް ޔާމީން ބަލިކުރެވޭ ވަރަށްވުރެ ބޮޑު ތާޢީދާކާއި ލޯތްބެއް ދިވެހިރައްޔިތުންގެ ފަރާތުން ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވާކަމަށާ، އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންތިޚާބުގެ ކުރިން މިސަރުކާރު ވައްޓާލަން އުޅޭ ސަބަބަކީ މިއީކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.