ލ.ބަރެސްދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މޯލްޑިވްސް އިންޓަރގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މި މަސައްކަތް ހަވާލުކޮށްފައިވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އާއެވެ. މި އެއްބަސްވުމުގެދަށުން ބަރެސްދޫގައި ތަރައްޤީކުރަމުންދާ އިންޓަރގްރޭޓެޑް އައިލެންޑް ރިސޯޓަށް، އެމްޑަބްލިއުއެސްސީގެ ފަރާތުން ވަގުތީގޮތުން ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ދޭނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ މިމަސައްކަތުގެ ދަށުން ޚިދުމަތް ދިނުމުގައި ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދޭނެކަމަށެވެ. އެގޮތުން ބަރެސްދޫގައި ގެސްޓްހައުސް ތަރައްޤީކުރާ ފަރާތްތަކަށް މާލެއެކޭ އެއްއަގެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެކަމަށްވެސް ފަޒުލް ވިދާޅުވިއެވެ. ފަޒުލް ވިދާޅުވީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވެފައިވާކަމަށެވެ.
" މި މަޝްރޫޢުގެދަށުން 50 ޓަނުގެ އާރް.އޯ ޕްލާންޓަކާއި، ފެންރައްކާކުރާ 70 ޓަނުގެ ނިޒާމެއް ޤާއިމުކުރާނެ. މި މަޝްރޫޢުއަކީ 1.5 މިލިއަން ރުފިޔާގެ މަޝްރޫޢުއެއް. " ފަޒުލް ވިދާޅުވިއެވެ.
އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝާހިދު ވިދާޅުވީ ބަރެސްދޫ މަޝްރޫޢަކީ ސަރުކާރުގެ ކުންފުނިތަކާގުޅިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުއެއްކަމަށެވެ. އަދި މި ޕްރޮޖެކްޓަކީ ރާއްޖެއަށް މެދުފަންތީގެ ގެސްޓްހައުސްތައް ތަރައްޤީކުރުމަށް ހިންގާ މިފދަ ފުރަތަމަ މަޝްރޫޢުކަމަށެވެ. އޭނާ ވިދާޅުވީ އެމްޑަބްލިއުއެސްސީއާއެކު މިވީ އެއްބަސްވުން ދާއިމީ އެއްބަސްވުމެއްގެގޮތުގައި ކުރިއަށް ގެންދިއުމަށް ކުރިއަށް އޮތްތާނގައި މަސައްކަތް ކުރާނެކަމަށެވެ.
"މިއީ މެދުފަންތީގެ ގެސްޓްހައުސްތައް ރާއްޖެއަށް ގެނައުމަށް ކުރިއަށްގެންދާ މިފަދަ ފުރަަތަމަ ޕްރޮޖެކްޓް. ބަރެސްދޫގައި އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކާއިގުޅޭ ދާއިމީ އެއްބަވުމަށް ދިއުމަށް ކުރިއަށް އޮތްތާންގައި މަސައްކަތް ކުރާނަން" ޝާހިދު ވިދާޅުވިއެވެ.
މި އެއްބަސްވުމުގެދަށުން ކުރަން ޙަވާލުވެފައިވާ މަސައްކަތްތައް ކުރިއަށް އޮތް 30 ދުވަހާއި 40 ދުވަހާ ދެމެދުގެ މުއްދަތުގައި ނިންމާނެކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ.