ޚަބަރު

ރައީސް މަޤާމުން ވަކިކުރަން ކޯޓުގައި އެޖެންޑާކުރި - ރައީސް އޮފީސް


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މަޤާމުން ވަކިކުރުމުގެ މައްސަލައެއް ސުޕްރީމްކޯޓުގައި އެޖެންޑާކުރިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޢާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އަދި އެމައްސަލަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ހުށަހެޅުއްވީ ޤައުމަށް ޚިޔާނާތްތެރިވުމާއި ޤާނޫނީ ސަރުކާރު ޤާނޫނާ ޚިލާފަށް ވައްޓާލަށް އުޅުމުގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށްފައިވާ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދުއެވެ. ނަމަވެސް އެމައްސަލައަށް ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ ތެރެއިން ތާޢީދުކުރެއްވީ އެންމެ ދެ ފަނޑިޔާރުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ. އަދި ދެން ތިއްބެވި ފަނޑިޔާރުން އެމައްސަލަ ބޭރުކޮށްލީ އެމައްސަލަ ބެލުމުގެ އިޚްތިސާސް ސުޕްރީމް ކޯޓަށް ނެތުމުންކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން ދައުލަތުގެ ބަންޑާރަ ނައިބު ޤާނޫނު ހިންގުމަށް ހުރަސް އަޅާކަމަށް ބުނެ، އެމަނިކުފާނު ހައްޔަރުކޮށް، މަޤާމުން ވަކިކުރުމަށްވެސް އުއްތަމަ ފަނޑިޔާރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ. ނަމަވެސް އެމައްސަލަވެސް ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ބޭރުކޮށްލިކަމަށް ރައީސް އޮފީހުން ބުނެއެވެ. މީގެ އިތުރުން ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ ކުރީގެ ކޮމިޝަނަރ އަޙްމަދު އަރީފްއާއި ޑެޕިއުޓީ ކޮމިޝަނަރ އަޙްމަދު ސަޢުދީއަށް އަލުން ފުލުހުންގެ ވަޒީފާ ދިނުމަށްވެސް އަބްދުﷲ ސަޢީދު މަސައްކަތްކުރެއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ. 

ރައީސް އޮފީހުން ބުނާގޮތުން، މީގެން އެއްވެސް މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށްދިޔައިރު ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ބަންޑާރަ ނައިބަށްވެސް ދިފާޢުގައި ވާހަކަދެއްކުމުގެ ފުރުޞަތެއް ނުދެއެވެ.

ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމަށް އުއްތަމަ ފަނޑިޔާރު އަމިއްލަފުޅަށް އިސްނަންގަވައިގެން މަސައްކަތް ކުރެއްވިއިރު، ޤާނޫނުއަސާސީގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމުގެ ބާރު ލިބިފައިވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް އެކަންޏެވެ.