ޚަބަރު

ޗައިނާއަށްވުރެ ބޮޑު ދައުރެއް އިންޑިއާއިން އަދާކުރަންޖެހޭ


ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގައި ޗައިނާއަށްވުރެ ބޮޑު ދައުރެއް އިންޑިއާއިން އަދާކުރަންޖެހޭކަމަށް، ދިވެހިރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ނުފޫޒު ރާއްޖޭގައި ބޮޑުކަމަށް ބުނެ އިންޑިއާ ނޫހަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސަފީރު އަޙްމަދު މުޙައްމަދު ވިދާޅުވީ، ޗައިނާގެ ނުފޫޒު ރާއްޖޭގައި ބޮޑުކަމަށް އިންޑިއާއިން ދެކޭނަމަ، އެދައުރު އަދާކުރުމުގެ ފުރުޞަތު އިންޑިއާއަށްވެސް އެބައޮތްކަމަށެވެ. އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް، އަވަށްޓެރި ޤައުމަށްވާއިރު، ޗައިނާއިން ރާއްޖޭގެ ތަރައްޤީގައި އަދާކުރާ ދައުރަށްވުރެ ބޮޑު ދައުރެއް އިންޑިއާއިން އަދާކުރަންޖެހޭކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި އިންޑިއާއަކީ ޚާރިޖީގޮތުންނާއި ޘަޤާފީގޮތުންނާއި ތާރީޚީގޮތުންވެސް ރާއްޖެއާ އެންމެ ގާތް ގުޅުމެއް އޮންނަ ޤައުމުކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ހިނގަމުން އަންނަ ކަންކަމުގެ މަޢުލޫމާތު ޙިއްސާކުރުމަށް އެންމެ ފުރަތަމަ މަންދޫބެއް ފޮނުވުމަށް ދިވެހި ސަރުކާރުން ނިންމެވީވެސް އިންޑިއާއަށްކަން ސަފީރު ފާހަގަކުރެއްވިއެވެ. ނަމަވެސް އެކަމުގައި އިންޑިއާއިން ކަންތައް ކުރިގޮތުން ހިތާމަކުރައްވާކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ރާއްޖޭގައި ޤާނޫނަށްވުރެ އެއްވެސް މީހަކު ބާރުގަދަ ނުވާނޭކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ، މަޖިލީހުންވިޔަސް، ޖުޑީޝަރީންވިޔަސް ޤާނޫނާ ޚިލާފުވުމުން އެކަން ބަލާނޭކަމަށެވެ. އަދި ރާއްޖޭގައި ހިނގަމުންދާ ކަންކަމަކީ ބޭރު ބަޔަކު އެކަމުގައި ކަންކުރަންވީ ގޮތް ކިޔައިދޭންޖެހޭ ކަމެއް ނޫންކަމަށާއި އެއީ ދިވެހިން އަމިއްލައަށް ޙައްލު ހޯދަންޖެހޭ ކަންތައްތަކެއްކަމަށް ސަފީރު ވިދާޅުވިއެވެ.

ރާއްޖެއާމެދު އިންޑިއާއިން ފިޔަވަޅުތަކެއް އަޅާނެކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަސް، އެފަދަ އެއްވެސް ފިޔަވަޅެއް އަޅާނޭކަމަށް ދެކެވަޑައިނުގަންނަވާކަމަށްވެސް ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.