ޚަބަރު

"ތާރީޚްގައި އެންމެ ބޮޑު ގެއްލުމެއް ޤައުމަށް ދީފައިވަނީ ނަޝީދު"


ވޭތުވެދިޔަ 12 އަހަރުގެ ތާރީޚްގައި ރާއްޖޭގެ ސިޔާސީ ޙަޔާތުގައި، އެންމެ ބޮޑު ގެއްލުމެއް ދީފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ، ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، ދިވެހިރާއްޖޭގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން ރާއްޖެއަށް ބޭރު ސިފައިން އެރުމަށް ނަޝީދު ގޮވާލި ގޮވާލުމަކީ، ދިވެހި ދައުލަތާއި ރައްޔިތުންނަށް ޣައްދާރުވުންކަމަށެވެ. އަދި އެވަރުގެ ބޮޑު ގެއްލުމެއް ދިވެރި ދައުލަތަށާއި ރައްޔިތުންނަށް ދެވޭނެތޯ ނިހާން ސުވާލު ކުރެއްވިއެވެ.

"މި ޤައުމުގެ ފަސްގަނޑުން ބާކީ އޮތް އެއްވެސް ދުވަހެއްގައި ޖާގަ ނުދޭންވީ މީހެއް ކެނެރީގޭ މުޙައްމަދު ނަޝީދަކީ. އަޅުގަނޑުމެންގެ ދިރުން އޮތް މި ޤާނޫނުއަސާސީއާއި، މި ވުޖޫދުގަ ވިންދު ޖަހާހާ ހިނދަކު ކެނެރީގޭ މުޙައްމަދު ނަޝީދަކަށް މިޤައުމުން ޖާގަދީގެން ނުވާނެ." ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، ރައީސް ވަހީދުގެ ވެރިކަމުގައި ޖީ.އެމް.އާރ އެގްރީމެންޓް ބާތިލުކުރުމަށް އެންމެ ބޮޑަށް ބާރުއެޅި ބޭފުޅަކީ ރައީސް ޢަބްދުﷲ ޔާމީން ކަމަށާއި، އެގްރީމެންޓް ބާތިލު ނުކޮށްފިނަމަ އޭރުގެ ސަރުކާރާއެކު ނުހުންނާނެކަމަށް ރައީސްޔާމީން ވިދާޅުވިކަމަށް ނިހާން ވިދާޅުވިއެވެ. ޖީއެމްއާރު މެދުވެރިކޮށް ރާއްޖޭގެ އެއަރޕޯޓްގައި އިންޑިއާ ސިފައިން ބޭތިއްބުމުގެ ޚިޔާލު އޭރު ދިންކަމަށް އިންޑިއާގެ ޑިޕްލޮމޭޓަކު ދާދިފަހުން ވިދާޅުވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވީ، ރައީސް ޔާމީން އޭރު އެ ނިންމެވުން ނުނިންމަވައި ދޫ ދެއްވި ނަމަ، ރާއްޖޭގެ ޤައުމީ ސިޔާދަތަށް އޮތް ނުރައްކާ ވަރަށްބޮޑުވީސްކަމަށެވެ.