ޚަބަރު

މާޟީގެ ޙާދިސާތަކުން އިބްރަތް ޙާޞިލްކުރަންޖެހޭ


ދިވެހިރާއްޖެ ބޭރުގެ ބައެއްގެ އަޅުވެތިކަމުގެ ދަށަށް ގެންދިއުމަށް ދިވެހިންގެ ބަޔަކު ނުކުމެ މީގެ ކުރިންވެސް ކޮށްފައިވަނީ މިހާރު ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ކުރަމުންދާފަދަ މަސައްކަތްތަކެއްކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ބޭއްވި 'މަގެ ދީނާ މަގެ ޤައުމު' ޖަލްސާގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ، ދިވެހިން ބޭރުގެ އަޅުވެތިކަމަށް މީގެ ކުރިންވެސް ގޮސްފައިވަނީ ރާއްޖޭގެ ދާޚިލީ ހަމަޖެހުމާއި، އިސްތިޤްލާލު ނަގާލުމަށްފަހު، ބަޔަކު ހިންގި ޖަރީމާތަކެއްގެ ނަތީޖާއެއްގެ ގޮތުންކަމަށެވެ. އަދި މިއަދުވެސް އިދިކޮޅު ފަރާތްތަކުން ކުރަމުންދަނީ އެފަދަ މަސައްކަތްތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

އަދި އެފަދަ ފުރުސަތެއް ރާއްޖޭގައި ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތްތަކަކީ އެމަނިކުފާނު އަމިއްލައަށް ޒަޚަމްވެވަޑައިގެން ދިވެހި ޤައުމަށްޓަކައި ކުރެއްވި ޖިހާދެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.

 "މަނިކުފާނު ތިޔަ ހިފަހައްޓަވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތު ނަގާލުމަށް އުފުލާލި ކަނޑިތަކުގެ މިޔައިގަ. މަނިކުފާނު އަމިއްލައަށް ޒަޚަމްވެ ވަޑައިގެންވެސް މި ޤައުމު ތިޔަ ސަލާމަތްކޮށްދެއްވީ" ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކުރައްވައި މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

ޤައުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތެއްގެ މުސްތަޤްބަލާ ގުޅިފައިވާ ކަމެއް ކަމަށާއި، ބޭރުގެ އަޅުވެތިކަމަށް ރާއްޖެ ގެންދިއުމަށް ކުރާ މަސައްކަތަކީ ދިވެހިރައްޔިތުންގެ މުސްތަޤްބަލް ހަލާކުގެ ތެރެއަށް ވައްޓާލުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ސިޔާސީ ފިކުރުން އެއްކިބާވެތިބެ ޤައުމާ ދީނާމެދު ވިސްނާ ފިކުރުކޮށްލުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންގެ ހަނދާން އާކުރަމުން މިނިސްޓަރ ވިދާޅުވީ، އެއީ މުސްލިމް ނޫން ޤައުމެއްގެ އަޅުވެތިކަމުގެ ދަށަށް ދިއުމުން ތަހަންމަލް ކުރަންޖެހޭ ކަންތައްތަކަމަށެވެ. އަދި ދިވެހިރައްޔިތުން އެފުރުސަތު ނުދޭނެކަން ސާބިތުކޮށްދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕީޕީއެމުން "މަގެ ދީނާ މަގެ ޤައުމު" ގެ ނަމުގައި ބޭއްވި ޖަލްސާގައި ދިވެހިރާއްޖޭގެ ޤައުމިއްޔަތާއި ސިޔާދަތު ރައްކާތެރިކޮށްދެއްވުން އެދި ވަނީ ޚާއްޞަ ދުޢާއެއްކޮށްފައެވެ. އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު އިސްވެ ހުންނަވައި ކުރެއްވި ދުޢާގައި ދިވެހިރާއްޖޭގައި ސުލްޙަ މަސަލަސްކަން ދަމަހައްޓަވައި، ސަރުކާރާއި ދިވެހި ދައުލަތް ބާރުގަދަ ކޮށްދެއްވުން އެދި ދުޢާކޮށްފައިވެއެވެ. ދިވެހި ޤައުމުގެ ޢިއްޒަތާއި ޝަރަފް މަތި ކޮށްދެއްވުމަށާއި، މުޞީބާތްތަކުން ދިވެހި ޤައުމު ސަލާމަތްކޮށްދެއްވުން އެދި ދުޢާކޮށްފައިވެއެވެ. މީގެ އިތުރުން، ބޭރުގެ އެކި ޤައުމުތަކުގެ ނުބައި ނުފޫޒުތަކުން ރާއްޖެ ރަށްކާތެރިކޮށްދެއްވުމަށާއި، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ލެހެއްޓެވުން އެދި ދުޢާކޮށްފައިވެއެވެ.

ކާނިވަލް ޞަރަޙައްދުގައި ބޭއްވި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސަރުކާރަށް ތާޢީދުކުރާ ގިނަ ޢަދަދެއްގެ ރައްޔިތުން މި ޖަލްސާގައި  ބައިވެރިވިއެވެ.