ޚަބަރު

ޤަވާއިދާ ޚިލާފުވެގެން ބޭރުގެ 2 ނޫސްވެރިއަކު ހިފަހައްޓައިފި


ޤާނޫނާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާ އަދި އިނގިރޭސި ވިލާތުގެ 2 ނޫސްވެރިއަކު އިމިގްރޭޝަނާ ޙަވާލުކޮށްފިއެވެ.

ފުލުހުން ބުނީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި، ޤަވާއިދުތަކާ ޚިލާފަށް މާލޭގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާގެ ނޫސްވެރިއަކާއި، އިނގިރޭސިވިލާތުގެ ނޫސްވެރިއަކާމެދު ފިޔަވަޅު އެޅުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ޙަވާލުކޮށްފައިވާކަމަށެވެ.

އިމިގްރޭޝަން ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ޓޫރިސްޓް ވިޒާގައި ރާއްޖެއައިސް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ މަނާކަމެކެވެ. އެހެންކަމުން ބޭރުގެ ނޫސްވެރިން ރާއްޖެ އަންނަން ޖެހެނީ އިމިގްރޭޝަންގެ ހުއްދަ ހޯދައި އެކަމަށް ޚާއްޞަ ވިސާއެއްގައެވެ.

ޕީ.އެސް.އެމަށް އެނގިފައިވާގޮތުގައި ފިޔަވަޅު އެޅުމަށް އިމިގްރޭޝަނާ ޙަވާލުކޮށްފައިވަނީ ބައިނަލްއަޤްވާމީ ނޫސް އޭޖެންސީއެއް ކަމުގައިވާ އޭ.އެފް.ޕީގެ 2 ނޫސްވެރިންނެވެ.