ޚަބަރު

ދަތުރުތައް ކެންސަލް ކުރާ ތަނެއް ނުފެނޭ- ޝިއާން


ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައި އޮތްނަމަވެސް، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު ދަށަށް ނުދާކަމަށް، ދިވެހިރާއްޖެއިން ވިލާތުގެ އިއްތިޙާދަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަހުމަދު ޝިއާން ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގައި އެންމެ ގިނަ ބަޔަކު ކިޔާ، ދި އިންޑިޕެންޑެންޓް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޝިއާން ވިދާޅުވީ، ފަތުރުވެރިން ދަތުރުތައް ކެންސަލްކުރާކަން ފާހަގަވެފައިނުވާކަމަށާއި، އެއީ ރާއްޖޭގެ ޙާލަތު ފަތުރުވެރިންނަށް އެނގޭތީކަމަށް ޤަބޫލުކުރައްވާކަމަށެވެ.

ޝިއާންގެ ވާހަކަފުޅުގައި ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދޭ ރިސޯޓްތަކާއި ގެސްޓް ހައުސްތަކާއި އެއަރޕޯޓްތަކުގެ އޮޕަރޭޝަންތައް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްޜަހުގައި އުފެދިގެން އުޅޭ މައްސަލައަކީ ޢާއްމު ދިރިއުޅުމުގެ މަސައްކަތާ ގުޅުމެއް ނެތް، އަދި އޭގެ އަސަރެއްވެސް ނުކުރާ މައްސަލަތަކެއްކަން ޝިއާން ފާހަގަކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/15063630064145.jpg|ރާއްޖޭގެ ރިސޯޓެއް، ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު ދަށަށް ނުދާކަމަށް ސަފީރު ވިދާޅުވި / ފޮޓޯ: ޕީއެސްއެމް

ޝިއާންގެ ވާހަކަފުޅުގައި ދިމާވެގެން އުޅޭ މައްސަލަ ހައްލުކޮށް، ހުރިހާ ކަމެއްވެސް ހަމައަކަށް އެޅިފައިވާކަން ފާހަގަކުރެއްވިއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅިގެން ބައެއް ޤައުމުތަކުގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމުގައި ސަމާލުވުމަށް ވަނީ އަންގާފައެވެ. ނަމަވެސް، ރާއްޖޭގެ ކަންކަން ރަނގަޅަށް އެނގޭ ދުނިޔޭގެ މަޝްހޫރު ޓްރެވަލް އެޖެންސީތަކުން ރާއްޖެއަށް ޒިޔާރަތްކުރުމުގައި އެއްވެސް ނުރައްކަލެއް ނެތްކަމަށް ބުނެއެވެ.