ޚަބަރު

އޯލް ޕާޓީ ޓޯކްސް ފެށުމަށް އދ އިންވެސް ގޮވާލައިފި


ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިހާރު ހިނގަމުންދާ ކަންކަން ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށްގެން ޙައްލުކުރުމަށް އދ އިން ގޮވާލައިފިއެވެ.

އދ އިން މިކަމަށް ގޮވާލާފައިވަނީ، ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިހާރު ހިނގަމުންދާ ކަންކަމާ ބެހޭގޮތުން އދގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ސިއްރު ބައްދަލުވުމެއްގައިކަމަށް ޚަބަރުތައް ބުނެއެވެ.

ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްތައް ބުނާގޮތުން މިބައްދަލުވުމުގައި އދގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނަރަލް މިރޮސްލާވް ޖެންކާ ވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިންގަމުންދާ ކަންކަން ހުރިހާ ސިޔާސީ ފަރާތްތައް ބައިވެރިވާ މަޝްވަރާއަކުން ހައްލުކުރުމަށް ގޮވާލާފައެވެ. އަދި އެކަމަށް އދ އިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް އޭނާ ވިދާޅުވިކަމަށް ޙަބަރުތައް ބުނެއެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖެންކާ ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިނަމަވެސް، ރާއްޖޭގައި ނުރައްކާތެރި އެއްވެސް ހަމަނުޖެހުމެއް ނުހިނގާކަން ފާހަގަކޮށްފައެވެ.

img:http://s2.psmnews.mv/images/660x400/15181805355977.jpg|ި އދގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނަރަލް މިރޮސްލާވް ޖެންކާ، ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަނީ

މިއީ ސުޕްރީމް ކޯޓުގެ ޢަމުރަކާއެކު ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވިފަހުން، އދގެ އިދާރާއަކުން ރާއްޖޭގެ މަސްރަޙާއިބެހޭ ގޮތުން މަޝްވަރާކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް މިބައްދަލުވުމުގައި އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅޭ މައްސަލަތައް ބޭރުކޮށްލުމުގެ ބާރު ލިބިފައިވާ ޗައިނާއާއި ރަޝިޔާއިން، ރާއްޖޭގެ މައްސަލަތަކުގެ ތެރެއަށް އދ އިން ވަނުމަށް ދެކޮޅު ހަދާކަން ހާމަކޮށްފައިވާކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ. އެހެންކަމުން އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަށްފަހު އެއްވެސް ބަޔާނެއްވެސް ނެރެފައެއް ނުވެއެވެ.

ޚަބަރުތައް ބުނާގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވެސް ވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ފޯނުން ގުޅުއްވާ އިއްޔެ މަޝްވަރާކުރައްވާފައެވެ.

ހުރިހާ ޕާޓީތައް ހިމަނައިގެން އޯލް ޕާޓީ ޓޯކްސް ފެށުމަށް އދ އިން ގޮވާލާފައިވާއިރު، ސަރުކާރުން ވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ހުރިހާ ޕާޓީތަކަކަށް ދަޢުވަތު ދެއްވާ، މަޝްވަރާގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުގެ ނަންތައް ފޮނުވުމަށް ދަންނަވާފައެވެ.