ޚަބަރު

ދިވެހިންގެ އަމިއްލަ ޙައްލެއް ގެންނާނެކަމުގެ ޔަޤީންކަން އެބައޮތް


ރާއްޖޭގައި ހިނގަމުންދާ ކަންކަމަށް ދިވެހި ސަރުކާރުން ޙައްލެއް ގެންނަވާނޭކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ވިދާޅުވެއްޖެއެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު މިމޭރުމުން ވާހަކަފުޅުދެއްކެވީ، ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމުގެ މަޢުލޫމާތުދެއްވުމަށް ރައީސް ޔާމީންގެ މަންދޫބެއްގެ ހައިސިއްޔަތުން ޗައިނާއަށް ވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދުއާއެކު ބޭއްވި ބައްދަލުވުމުގައެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި ޗައިނާއިން ރާއްޖޭގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ނުވަންނާނެކަން ފާހަގަކުރައްވާ، ދިވެހި ސަރުކާރުން މަޝްވަރާކޮށްގެން މިމައްސަލަ ހައްލުކުރުމަށް ކުރައްވާ މަސައްކަތްޕުޅަށް ޗައިނާއިން ތާޢީދުކުރާކަން ހާމަކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/15181083522541.jpg|އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާާއި ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ގެ ބައްދަލުކުރެއްވުމުގެ ތެރެއިން

މިބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި އުޅޭ ޗައިނާގެ ރައްޔިތުންނަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ދިވެހި ސަރުކާރުން މަސައްކަތްކުރައްވަނީ ޤާނޫނީ އިމުގެ ތެރެއިން މައްސަލަތައް ހައްލުކޮށް، އަމާން މާހައުލެއް ޤާއިމްކުރުމަށްކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ޗައިނާއަށް ވަޑައިގެންނެވިއިރު، ރައީސްގެ ޚާއްސަ މަންދޫބުން ވަނީ ސަޢޫދީ ޢަރަބިއްޔާ އަދި ޕާކިސްތާނަށްވެސް ވަޑައިގެންފައެވެ.