ޚަބަރު

"ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ހަވަރަށް ނުދީ"- މޫސަ


ދުނެޔޭގެ ކުރިމަތީގައި ރާއްޖެ ހަވަރަށް ނުދެއްވުމަށް ރައްޔިތުންގެ މަޖުލީހުގެ ނައިބްރައީސް މޫސާ މަނިކު ގޮވާލައްވައިފިއެވެ.

އެމަނިކުފާން މިކަމަށްގޮވާލެއްވީ "މަގެދިނާ މަގެ ޤައުމު" މި ޝިޔާރުގެ ދަށުން ވެރިކަންކުރާ ޕާޓީ ޕީޕީއެމްއިން ބޭއްވި ޖަލްސާގައެވެ.

މޫސާ މަނިކު ވިދާޅުވީ ޤައުމުގެ އިންތަކާއި މިންތަށް ޤާނޫނު އަސާސީން ކަނޑައަޅައި ދީފައިވާކަމަށާއި މި އިންތަކާއި މިންތަކުގެ ތެރެއަށް އިތުރުފަރާތްތަކުން ވަނުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ހުރި ނުރައްކަލެއްކަމަށެވެ. އަދި ރާއްޖޭގެ ދާޙިލީ ކަންކަމުގެ ތެރެއަށް އިތުރު ފަރާތްތަކުން ވަނުމަށް ގޮވާލުމަކީ ޤާނޫނީ ބޮޑުކުށެއްކަމަށެވެ. އަދި މީގެ ކުރިންވެސް ބޭރުގެ ފަރާތްތަކާއިގުޅިގެން ވެރިކަމާއިތޮޅެން މަސައްކަތްކޮށްފައިވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް މޫސާ މަނިކު ވިދާޅުވި.

"މުޅި ރައްޔިތުންގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ގޮވާލުމަކީ ޤާނޫނީ ކުށެއް. އަދި އެކަމަށް ރައީސުލްޖުމްހޫރިއްޔާވެސް އަދި ސަލާމަތީ ބާރުތަކުންވެސް ތަނެއް ނުދޭނެ. އެއީ ޓީވީ ސްޓޭޝަނެއްވިޔަސް އަދި އެހެން ފަރާތެއްވިޔަސް" މޫސަ ވިދާޅުވިއެވެ.

ރާއްޖޭގެ އަގުވައްޓާލާ ރާއްޖެއާމެދު ފިޔަވަޅުއަޅަންގޮވާލާ ފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭކަމަށާއި އެކަމަށް ބޭނުންވާ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭކަމަށް މޫސާ މަނިކުވިދާޅުވިއެވެ. މީގެ ކުރިންވެސް ރާއްޖެއަށް ބަޣާވާތް ގެންނަން އުޅުނު ކަމުގެ ތުހުމަތުގައި ހައިކޯޓުގެ ދެ ފަނޑިޔާރަކުވެސް ހައްޔަރުކުރެވުނު ކަމަށާއި މިހާރުވެސް އެފަދަކަމެއް ކޮށްފިނަމަ ހިފާ ހައްޔަރު ކުރެވޭނެކަމަށެވެ. މިހާރުވެސް ޤައުމަށް ދިމާވެގެން މިއުޅޭނީ އެފަދަ ކަމެއްކަމަށާ، ކޯޓުން ހުކުމްކުރީ ބޮޑެތި ކުށްތަކެއް ކޮށްފައިވާ ޤައިދީންތަކެއް މިނިވަން ކުރުމަށްކަމަށް މޫސަ ވިދާޅުވިއެވެ. އަދި މި ވެރިކަން ތިންފަހަރެއްގެ މަތިން ބަޣާވާތްކޮށް ވައްޓާލަން މަސައްކަތް ކުރި ނަމަވެސް އެ ތިންފަހަރުވެސް ވެރިކަން ދިފާއުކުރެއްވީ ރައީސްގެ ތޫނު ވިސްނުންފުޅުންކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.