ޚަބަރު

88 ސްޓޯލާއެކު "ޔޫތު ޗެލެންޖް 2018" ފަށައިފި


މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޔޫތު ޗެލެންޖު، 88 ސްޓޯލާއެކު ހުޅުވައިފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލް ރަސްމީކޮށް ފައްޓަވައިދެއްވައިދެއްވީ ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމެވެ.

ޔޫތް ޗެލެންޖަކީ ޒުވާނުންގެ ފަންނުވެރިކަމާއި ހުނަރު ދައްކާލުމާއި، މަތީ ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް މީގެ 19 އަހަރު ކުރިން ފެށިގެން ޔޫތް މިނިސްޓްރީން ހިންގަމުން އަންނަ ހަރަކާތެކެވެ.

މި ހަރަކާތުގެ ތެރެއިން ތަޢުލީމާއި މަސައްކަތުގެ މައިދާނުގައި ހުރި ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ގިނަ ޢަދަދެއްގެ ޒުވާނުންނަށް އެއް ފުރާޅެއްގެ ދަށުން ފޯރުވައިދެއެވެ.

މިއަހަރުގެ ޔޫތު ޗެލެންޖް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، ރާއްޖޭގައި ދުވަހަކުވެސް ޒުވާނުންނަށް އިސްކަން ނުދޭވަރަށް މި ސަރުކާރުން ޒުވާނުންނަށް އިސްކަންދޭ ކަމަށެވެ.

އަދި ސަރުކާރުން މަސައްކަތްކުރަނީ ޒުވާނުންނަކީ މުޖުތަމުގައި ކުރާނެ މަސައްކަތެއް ނެތް ބޭކާރު ބަޔަކަށް ވުމުން ސަލާމަތްކުރަން ކަމަށާއި، އެ ގޮތުން މިރޭ ފެށި ޔޫތު ޗެލެންޖުންވެސް ޒުވާނުންނަށް 800 ވަޒީފާ ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ސަރުކާރުން ގިނަ ކަންތައްތަކެއް ކުރަމުން އަންނައިރު ޒުވާނުންނަށްޓަކައި ކަނޑައެޅި ކަންކަމުގެ 80 ޕަސެންޓް ވަނީ ހާސިލްވެފަ، މިފަށާ ޔޫތު ޗެލެންޖުން 800 ވަޒީފާ ލިބޭނެ. އިންޓަރންޝިޕް ފުރުސަތާއެކު މި އަދަދު 900 އަށް އަރާ،" އިރުތިޝާމް ވިދާޅުވިއެވެ.

މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައި ޔޫތު ޗެލެންޖް ފެށުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ފަރާތް ކަމުގައިވާ ޢަބްދުﷲ ރިފާޢު ވިދާޅުވީ، މީގެ އެކާވިސް އަހަރުކުރިން ޒުވާނުންގެ މަރުކަޒުގައި ފެށި މިހަރަކާތް ހުއްޓުމެއްނެތި ކުރިއަށް ދާކަމީ، އުފާކުރާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ޔޫތު ޗެލެންޖު ފުޅާވެގެން އައިސް މިއަދު އެއްތަނަކުން ވަޒީފާގެ ފުރުސަތުތަކާއި ކިޔެވުމާއި ތަމްރީނު ޕްރޮގްރާމުތައް ލިބެން ހުރުމަކީ ޒުވާނުންނަށް ލިބިގެންދާ ވަރަށް އަގުހުރި ފުރުސަތެއް ކަމަށެވެ.

"އަޅުގަނޑު މިއަދު އަމިއްލަ ފަރުދަކަށްވުރެ އެހެން ހައިސިއްޔަތަކުންވެސް އުފާވޭ، މީ ވަރަށް ކުރިން ފެށި ޕްރޮގްރާމެއް، މިހާރު ފުޅާވެގެން އައިސް އެއްތަނަކުން ގިނަ ކަންތައްތަކެއް ކުރެވޭ އެއްޗަކަށް މިކަން ވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަޅުގަނޑު ހަމަ މި ފުރުސަތުގައި އަދުގެ ސަރުކާރުން ޒުވާނުންނަށް މިފަދަ ފުރުސަތުތައް ތަނަވަސްކޮށްދެއްވާތީ ޝުކުރުއަދާކުރަން." މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާޢު ވިދާޅުވިއެވެ.

މިއަހަރުގެ ޔޫތު ޗެލެންޖުގައި އެކި ދާއިރާތަކުން 88 ސްޓޯލް ހިމަނާފައިވާއިރު، މިއީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ބައިވެރިން ބައިވެރިވި ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ،

މި ހަރަކާތް ކުރިއަށްގެންދާނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 1600ން 1800އަށް އަދި ރޭގަނޑު 2000ން 2200އަށް ދަރުބާރުގޭގައެވެ.