ޚަބަރު

"ޕްރޮޖެކްޓުތަކުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދާނެ"


ރާއްޖެއަށް ކުރިމަތިވި ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރެއްގެ ކަންކަން ބަލަމުންދާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. 

ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން މާލީދާއިރާއިން އަޅަމުންދާ ފިޔަވަޅުތަކާގުޅިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ޢާންމު ކުރި ބަޔާނުގައިވަނީ، ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ އަސަރު ފަތުރުވެރިކަމުގެ ސިނާއަތަށާއި، އިޤްތިޞާދީ އެހެން ދާއިރާތަކަށް ކުރާ މިންވަރު ކުޑަކުރުމަށް މަސައްކަތް ކުރަމުންދާނެކަމަށެވެ.

މީގެ އިތުރުން ބައިނަލް އަޤްވާމީ ގޮތުން ކުރިމަތިވެދާނޭ ގޮންޖެހުންތަކަށް ދުރާލައި ތައްޔާރުވެފައިވާކަމަށްވެސް އެބަޔާނުގައިވެއެވެ. 

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ބައްޓަންވެފައި އޮތްގޮތުން، ރާއްޖޭގައި ހިނގާ ސިޔާސީ އެއްވެސް ކަމެއްގެ އިޙްސާސް ފަތުރުވެރިންނަށް ނުކުރާނެކަމާއި، އަބަދުވެސް ފަތުރުވެރިންނަށް އުފާވެރިގޮތެއްގައި ޗުއްޓީ ހޭދަކުރެވޭކަން ފިނޭންސް މިނިސްޓްރީގެ ބަޔާނުގަވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންވެސް މިކަންދަންނަ ކަމަށާއި، މިކަން މިގޮތުގައި ދެމި އޮންނާނެކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި މިބަޔާނުގައިވަނީ ވަނީ ރާއްޖޭގެ ވެރިކަމުގެ ނުވަތަ ހިންގުމުގެ ނިޒާމަށް އަންނަ ބަދަލެއްގެ ސަބަބުން، ސަރުކާރުން ނަގާފައިވާ ދަރަނިތައް ނުފުއްދައި ދޫކޮށްނުލާނެކަން މާޒީގައި ހާމަވެފައިވާނެކަމަށެވެ. އަދި އެގޮތުގައި އަބަދުވެސް ދެމިތިބޭނެކަމުގެ ޔަޤީންކަން ފިނޭންސް މިނިސްޓްރީންވަނީ ދީފައެވެ. އަދި ރާއްޖޭގައި ހިނގާކަންކަމުގެ މައުލޫމާތު ތަފްސީލީގޮތަކަށް ރާއްޖޭގެ ބައިނަލްއަޤްވާމީ ބައިވެރިންނާއި އެކު ޙިއްސާކުރަމުންދާކަމަށްވެސް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ ބޮޑެތި މެގަ ޕްރޮޖެކްޓުތަކުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށްދާނެކަމަށާއި، އެއްކޮށް ފަންޑުކޮށްފައިވާ ޕްރޮޖެކްޓުތަކުގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢާއި، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މަޝްރޫޢާއި ދަރުމަވަންތަ ހޮސްޕިޓަލް ޢިމާރާތުގެ މަޝްރޫޢަށް ރާއްޖޭގައި މިހާރު ކުރިޔަށްދާ ސިޔާސީ ޙަރަކާތްތަކުގެ ސަބަބުން އެއްވެސްވަރަކަށް ބުރޫ ނާރާކަމުގެ ޔަޤީންކަންވެސް ފިނޭންސް މިނިސްޓްރީން ދީފައިވެއެވެ.